ދަރަންޏަށް ލުއި ހޯދަން ގައުމުތަކާ މަޝްވަރާކުރުމުގެ ވިސްނުން އަދި ނެތްކަމަށް ފިނޭންސް މިނިސްޓަު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ޔާސިރު ވަނީ ރާއްޖެއިން ދަރަނި ނަގާފައިވާ ގައުމުތަކަށް ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރަމުން ދޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެއް ބަރާބަރަށް ދަރަނި އަދާކުރަމުން އަންނަ ގައުމެއް ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެއްވެސް އިރެއްގައި ދަރަނި ނުދެއްކިފައި ނެތް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ ޑިފޯލްޓް ވާނެ ހާލަތެއް އަންނާނެ ކަމަށް އަންދާޒާ ނުކުރެއްވޭ ކަމަށެވެ.

އެހެންވީމާ ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން ޑިފޯލްޓްވާނެ ހާލަތެއް އަންނާނެކަމަށް އަޅުގަނޑުމެންނަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ ދަރަންޏަށް ލުއި ގޮތްތައް ހޯދުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވާހަކަ ދައްކެމުގެ ވިސްނުމެއް އަދި އަޅުގަނޑުމެންގެ ނުގެންގުޅެން
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ދަރަންޏާ ބެހޭ ގޮތުން ސަރުކާރުން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ނަގާފައި ހުރި އެކި އެކި ލޯނުތަކަށް ދައްކަން އޮތް ބޭރުގެ ދަރަނީގެ އަދަދަކީ 94.35 މިލިއަން ޑޮލަރެވެ. އެއީ މަހުން މަހަށް މިއަހަރުގެ ޖުލައި އިން ފެށިގެން މިއަހަރުގެ ނިޔަލަށް ދައްކަން ޖެހޭ ވަރެވެ.

އެގޮތުން މި އަހަރުގެ ޖޫން މަހުގައި ވަނީ ބޮޑު ދަރަންޏެއް ދައްކާފައި ވާ ކަމަށާއި އެއީ 62.58 މިލިއަން ޑޮލަރު ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެން ބޮޑު ދަރަންނެއް ދައްކަން ޖެހޭނީ 2026 ގައި ކަމަށާއި ރާއްޖެއަށް އެ ދަރަނި ދެއްކޭނެ ހާލަތަކަށް އޭރު ތައްޔާރުވެފައި އޮންނާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.