އައްޑޫ މީދޫގައި މިދިޔަ ހުކުރު ދުވަހު ކުރި ހުކުރު ނަމާދުގައި ހުތުބާ އަށް އުނިއިތުރު ގެނައި މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި މައްސަލާގައި އައްޑޫ ސިޓީގެ މީދޫގައި ހުންނަ މަސްޖިދުއް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ހުތުބާ ކިއި ޚަތީބު، މުހައްމަދު ރަޝީދު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، އިސްލާމިކް މިނިސްޓްރީ އިން ފާސްކޮށްފައިވާ ގޮތާ ހިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ހުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން އެ ޚަތީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

ހުތުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެއް ކަމަށާއި އެމައްސަލަ ނިންމުމަށް ފަހު އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީ އަށް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުގެ މައްސަލައަކަށް ވުރެ ބޮޑަށް، ހުތުބާ ކޮމިޓީއިން މައްސަލަ ބަލަނީ، އޮންނަ އުސޫލާ ހިލާފަށް، ފާސްކޮށްފައިވާ ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ފާސްކޮށްފައިވާ ހުކުރު ހުތުބާ އަށް ޚަތީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.