ބެންގަލޫރަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހިންގެ ހާލު ބަލައި މޮނިޓާ ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީޏް ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ، އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭވެހި، ގަސްތައް ވެއްޓި، ޓްރެފިކް ވަރަށް ބޮޑަށް ހަލަބޮލިވެ، އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގާފައިވާ ދަނޑިވަޅެއްގައި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިއްސާރަ އަލި ނުވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެނގިފައިވާ ގޮތުގައި ވައިޓްފީލްޑް، ބެލަންދުރް، މަރަތަހަލީ، ޔެމަލޫރު، ކޮރަމަންގަލާ، އެޗްއެސްއާރް ލޭއައުޓް، އެޗްއޭއެލް 2 ސްޓޭޖް، އިންދިރާނަގަރު، އެޗްބީއާރް ލޭއައުޓް ސަރަހައްދުތަކަކީ ކުރާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ސަރަހައްދުތައް ކަމަށެވެ. މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުން ކުރިއަށް އޮތް ދުވަހު ވެސް ވިއްސާރަ އަލި ނުކުރާނެ ކަމަށް ލަފާ ކުރެވޭތީ އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ބެންގަލޫރުގެ ކޮންސުލޭޓް ޖެނެރަލް މެދުވެރިކޮށް، އެއްވެސް ދިވެއްސަކަށް މި ވިއްސާރައިގެ ސަބަބުން ގެއްލުން ވެފައި ވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އިންޑިއާގެ ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާ ކޮންޓެކްޓް ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އިންޑިއާގައި ތިބި ދިވެހީންނަށް އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ ހައިކޮމިޝަންގެ ހޮޓްލައިން 919910040786+ ނުވަތަ އެޗްސީޖީއެމް 918022972754+ ގުޅައިގެން މައުލޫމާތު ސާފުކޮށް ނުވަތަ ހިއްސާކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިހާތަނަށް އައިއިރު، ކޮންޓެކްޓް (ގުޅުނު) ކުރެވުނު ދިވެހިންގެ ހާލު ރަނގަޅު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން އެއްކޮށްފައިވާ ޑޭޓާތަކުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު ބެންގަލޫރުގެ އާބަން ޑިސްޓްރިކްޓަށް 28.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، އެވްރެޖަށް ވުރެ 368 ޕަސެންޓް އިތުރަށް ވާރޭ ވެހިފައިވެއެވެ. ޖޫން މަހުގެ 1 ވަނަ ދުވަހު ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ފަހުން އެ ސިޓީއަށް އެވްރެޖްކޮށް ވާރޭ ވެހުނު މިންވަރަށް ވުރެ 141 ޕަސެންޓް އިތުރަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ދައްކައެވެ.

ބެންގަލޫރަށް ބޯކޮށް ވާރޭ ވެހޭ އިރު ރާއްޖެ ހިމެނޭހެން މި ސަރަހައްދަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި އަވައްޓެރި ޕާކިސްތާނަށް މި ވިއްސާރާގައި ބޮޑެތި ގެއްލުންތައް ލިބި ގިނަ ސިޓީތައް ވަނީ ފެނުއަޑީގައެވެ.