އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު އަހްމަދު އަދީބުގެ ފޯން ކޯލްތައް މިއަދުގެ ޝަރީއަތުގައި އިއްވަން ގާޒީ ދެކޮޅު ހައްދަވައިފިއެވެ.
ވ. އާޜަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެ ފޯން ކޯލްތައް އިއްވުމަށް ދައުލަތުން ވަނީ އެދިފައެވެ. އެކަމާ ދެކޮޅު ހައްދަވަމުން ޔާމީންގެ ވަކީލުން ވިދާޅުވީ، އެ ދައުވާ އަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަކުރި ކަމުގެ ދައުވާ ކަމަށާއި އެކަން ހިނގި ކަމަށް އޮތީ 2015 އިން ފެށިގެން ކަމަށެވެ. ނަމަވެސް ދައުލަތުން ޝަރީއަތުގައި އަޑު އިއްވަން ހުށަހަލާފައިވާ ފޯން ކޯލްތަކަކީ 2013 ގެ ފޯން ކޯލްތަކެއް ކަމުން ވ. އާރަށު މައްސަލައާ ގުޅުމެއް ނެތް ކޯލްތަކެއް ކަމަށް ފެނިވަޑައިގަންނަވާތީ އެކަން އިއުތިރާޒު ކުރައްވާ ކަމަށް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ދައުލަތުން ބުނީ 2013 ވަނަ އަހަރުން ފެށިގެން ރަށްތައް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވާފައިވާ ކަން ސާބިތުކޮށް ދިނުމަށް އެއީ ހުށަހެޚޭނެ ހެއްކެއް ކަމަށެވެ. އަދި އެއީ ހެކި ހުށަހެޅުމުގެ މަރުހަލާގައި ބަލައިގެންފައިވާ ހެއްކެއް ކަމަށާއި އެ ކޯލްތައް އަޑު އިއްވައިގެން ނޫނީ ހެކިވެރިޔާއާ ސުވާލުކޮށް އޭގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި އަދީބާއި ޔާމީންގެ ކޯލް ރެކޯޑިންތަކަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދާފައިވާ އެއްޗެއްސެވެ.
މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ ދައުލަތަށް ސުވާލު ކުރެވޭނީ ހާދިސާ ހިނގި ދުވަހުން ފެށިގެން އޭގެ ފަހުން ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އެ ފޯން ކޯލްތަކާ ގުޅިގެން ސުވާލުކުރަން ދައުލަތުން އެދޭ އިރު، 2013 ވަނަ އަހަރު ހިނގާފައިވާ ކަމަކާއި 2015 ވަނަ އަހަރު ހިނގާފައިވާ ކަމަކާ ގުޅުވަން ފުރުސަތު ދީފި ނަމަ ދެން ނިކުމެދާނެ ނަތީޖާއަކަށް ވެސް ޝަރީއަތުން ވިސްނަން ޖެހޭ ކަމަށް އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ. އަދި އެ ރެކޯޑިންތައް މި މައްސަލައާ ގުޅެނީ ކިހިނެއްތޯ ވެސް ގާޒީ ސުވާލު ކުރެއްވިއެވެ.
ދައުލަތުން ބުނީ ހެކި ހުށަހަޅާ ސަބަބު ދައުވާއާ އެކު ކުރިން ހުށަހަޅާފައިވާ ނަމަ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ގާޒީ މީގެ ކުރިން ދެއްވާފައި އެބަހުރި ކަމަށެވެ. އަދި އެ އޯޑިއޯތައް ހުށަހެޅީ ރަށްތައް ކުއްޔަށް ދިނުމުގައި ޔާމީން ނުފޫޒު ފޯރުވާފައިވާ ކަން ސާބިތުކުރަން ކަމަށާއި އެއީ މައްސަލައާ ގުޅޭ ހެއްކެއް ކަމަށް ދައުލަތުން ބުނެއެވެ.
ނަމަވެސް އިސް ގާޒީ ޝަކީލް ވިދާޅުވީ ދައުވާގައި ބުނާ ހާދިސާގެ ކުރީގެ އޯޑިއޯތަކަށް ވާތީ އެ އޯޑިއޯތައް ކޯޓުގައި ނީއްވޭނެ ކަމަށެވެ. އެކަމަކު އަދީބުގެ ފަރާތުން އެކަންކަން ސާފުކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންވެ، ދައުލަތުން އެ އޯޑިއޯތައް އިއްވުމުގެ ބަދަލުގައި ކުރިއަށް ގެންދިޔައީ ލިޔެފައިވާ އޭގެ ސްކްރިޕްޓަށް ބަލައިގެންނެވެ.
އަދީބާ ސުވާލުކުރަން ފުރުސަތު ދިނުމުން، ޔާމީން ކަންކަމުގައި އަދީބަށް އިރުޝާދު ދެއްވީ ކޮން އިރަކުތޯ ދައުލަތުން އެހުމުން 2012 ގައި އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވި ހިސާބުން ފެށިގެން އޭނާ 2015 ވަނަ އަހަރު ނައިބު ރައީސްކަމުން ވަކިކުރުމާ ހަމައަށް ރަށްތަކުގެ ކަންތަކުގައި ފައިސާ ހޯދުމަށް ޔާމީންގެ އިރުޝާދުތައް ލިބޭ ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވި ގޮތުގައި އޭރު ފައިސާ ހޯދަމުން ދިޔައީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން މަޖިލިސް މެމްބަރުންނަށް ފައިސާ ބެހުމާއި ކަމާބެހޭ އިދާރާތަކުގެ މީހުންނަށް ރިޝްވަތު ދިނުމަށެވެ.
މި މައުލޫގައި ސުވާލުތަކެއް ކުރުމަށް ފަހު ދައުލަތުން ބުނީ ދެން ހުރި ސުވާލުތަކަކީ ފޯން ކޯލްތައް އިއްވައިގެން ނޫނީ ކުރެވޭނެ ސުވާލުތަކެއް ނޫން ކަމަށާއި އެހެންވެ އެ ފުރުސަތު ނެތުމުން ސުވާލެއް ނެތް ކަމަށެވެ.
އަދީބާ ސުވާލުކުރުމަށް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދިނުމުން ސުވާލު ކުރެއްވީ އާރަށުގެ އަގުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ފުރަތަމަ ކަނޑައެޅި ސަބަބާ ބެހޭގޮތުންނެވެ. އަދީބު ވިދާޅުވީ ރަށުގެ އަގު ކަނޑައަޅަނީ ވަކި ފޯމިއުލާއަކަށް ބަލައިގެން ކަމަށެވެ. އެއަށްފަހު ޔާމީނާ މެދު އަދީބުގެ އަދާވާތްތެރިކަން އޮތުމުން ކަމަށް ބުނެ އިތުރަށް ސުވާލުކުރަން ބޭނުންނުވާ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.
އަދީބާ ސުވާލު ކުރުމަށް ޔޫސުފް ނައީމްގެ ވަކީލުންނަށް ދިން ފުރުސަތު އެ ވަކީލުން ބުނީ އަދީބާ އެކު ހެދި އެއްބަސްވުންތަކުގެ ތަފްސީލު ދައުލަތުން ހާމަ ނުކުރަނީސް، އަދީބާ ސުވާލުކުރަން ބޭނުންނުވާ ކަމަށެވެ.