މޯލްޑިވް ގޭސްއަށް ބާ ސިލިންޑަރުތަކެއް ގެނައި މައްސަލައިގައި މޯލްޑިވްގޭސްގެ އިސްވެރިއެއްގެ ގޮތުގައި އޭރު ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީގެ މައްސަލަަ ބަލައި ނުނިމެނީސް އޭނާ ވެމްކޯގެ ޑީއެމްޑީއަކަށް އައްޔަން ކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިކްރާމް ވަނީ އެމަގާމަށް ހަމަޖެއްސެވުމުން ވަޒީފާއަށް ނުކުންނަވަން ފައްޓަވާފައެވެ.
އިކްރާމަކީ މީގެ ކުރިން މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އޭރު އޭނާގެ މައްޗަށް ވަނީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާއި ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތު ކޮށްފައެވެ. އެއާއެކު އެ މައްސަލަަ ބަލަން ފަށައި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފުުހުން ބަލަން ފެށިއެވެ. އެއާއެކު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި ޖިންސީ ފުރައްސާރަގެ މައްސަލަ ސާބިތުވާ ވަރަށް ހެކި ނެތުމުން އެ މައްސަލަ ވަނީ ފައިލް ކޮށްފައެވެެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކީ އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭހަށް ސަޕްލައިކޮށް ކުންފުނީގެ ހަރަދުގައި އޭނާ ސިންގަޕޫރަށް ދަތުރުކުރައްވާފައި ވާ ކަމަށް ބުނެ ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ކޮވިޑާ ގުޅިގެން މޯލްޑިވް ގޭސް އިން 4218 އޮކްސިޖަން ސިލިންޑަރު ގެނެސްފައި ވާއިރު، އޭގެތެރެއިން 1000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިން އަދި ބާކީ 3218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނިންނެވެ. އާ ސިލިންޑަރުތަކަށް އޯޑަރު ކުރި ނަމަވެސް އެ ދެ ކުންފުނިން ވެސް ފޮނުވީ ބާ ސިލިންޑަރުތަކެކެވެ. އޭގެ ތެރެއިން ޕްރޯބިޒްގެ ސިލިންޑަރުތަކުން ބަދަލު ހޯދުމަށް މޯލްޑިވް ގޭސްއިން މަސައްކަތް ކުރި ނަމަވެސް އޭއެންޖީން ފޮނުވި ސިލިންޑަރުތަކުން ބަދަލު ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެސްއޯއީ ކޮމެޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ފާހަގަ ކުރައްވާފައެވެ.
ގޭސް ސިލިންޑަރުތައް ގަންނަން އޭއެންޖީ ކުންފުންޏަށް 253،000 ޑޮލަރު އަދި ޕްރޯބިޒްއަށް 702،099 ޑޮލަރު ހަރަދުކޮށް ޖުމްލަ 955،099 ޑޮލަރު ހޭދަކޮށްފައި ވެއެވެ. އަދި 300 ސިލިންޑަރު ޓެސްޓް ކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް ޖުމްލަ 15،038 ޑޮަލަރު މޯލްޑިވް ގޭސްއިން ހަރަދު ކޮށްފައި ވެއެވެ. މި މައްސލަ އޭސީސީން ބަލަމުން އަންނަ އިރު އަދި މައްސަލަަ ބަލައި ވަކި ގޮތަކަށް މައްސަލަ ނިންމާފައެއް ނުވެއެވެ.
ހިޔާނާތުގެ މައްސަލަ އާއި ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަމުން ދަނިކޮށް އެނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އިސްތިއުފާ ދެއްވި އިރު އިކްރާމް ވިދާޅުވީ އޭނާއާ ދެކޮޅަށް ދެ މައްސަލައިގައި ވެސް އޭނާގެ ދިފާއަށް ހެކި ހުރި ކަމަށާއި ދެ މައްސަލަ ވެސް އޭނާއާށް އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އަމިއްލަ ކަމެއްގައި ކަމަށް ވިދާޅުވެފައި ވެއެވެ.