މެދުއިރުމަތީގައި އޮންނަ ޝީއީން އެންމެ ގިނަ ގައުމު ކަމުގައިވާ އީރާނުގައި އެލްޖީބީޓީ ޕްރޮމޯޓު ކުރާ ދެ އެކްޓިވިސްޓަކު މަރަން ހުކުމް ކޮށްފިއެވެ.

އީރާނުގެ އުރުމިއާގައި ހުންނަ ކޯޓުން މަރަން ހުކުމް ކުރީ، އިސްލާމީ ގައުމެއްގައި އެއްޖިންސުން ގުޅުން ހިންގުމާއި ނަސޯރާ ދީން ޕްރޮމޯޓު ކުރާ ކަމަށް ތުހުމަތު ކޮށް، އުމުރުން 31 އަހަރުގެ ޒަހްރާ ސިއްދީގީ ހަމްދާނީ އާއި އުމުރުން 24 އަހަރުގެ އެލްހާމް ޗޮބްދާރަށެވެ. މި ދެ މީހުން ކުށްވެރި ވީ "ދުނިޔޭގައި ކޮރަޕްޝަން ފެތުރުމުގެ" ކުށުގައެވެ.

އެއްޖިންސުން ގުޅުން ހިންގުމާއި ޖީންސް ބަދަލުކުރުމާއި ބައިސެކްޝުއަލް ނުވަތަ ޖިންގީ ގުޅުން ހިންގުމުގައި ކޮންމެ ޖީންސެއް ވަރިހަމަވާ އެލްޖީބީޓީ އަކީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ބަލައިގަންނަ ކަމެއް ނޫނެވެ. އިސްލާމީ ގައުމުތަކެކޭ އެއްފަދައިން މަސްހުނި ދީންތައް އޮންނަ އެފްރިކާގެ ބައެއް ގައުމުތަކުގައިވެސް މިކަން ބަލައެއް ނުގަނެއެވެ. އަދި އެއީ ބޮޑު ކުށަކަށް ހަދާ އުމުރަށް ޖަލަށްވެސް ލައެވެ.

އީރާނުގެ ގާނޫނުތައް ބުނާ ގޮތުން، އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ދުއްރައިން ތެޅުމާއި އުމުރަށް ޖަލަށް ލުން ހިމެނެއެވެ.

އެލްޖީބީޓީ ޕްރޮމޯޓު ކުރާ މީހުން އެންމެ ގިނައީ އެމެރިކާއާއި ޔޫރަޕްގައެވެ. އެ ގްރޫޕުގެ މީހުން ގަބޫލު ކުރާ ގޮތުން، މި ދުނިޔެމަތީގައި އެމީހަކު ބޭނުން ގޮތަކަށް މިނިވަން ކަމާއެކު ބޭނުން ކަމެއް ކޮށް އުޅެވެން ޖެހެއެވެ. ނަމަވެސް ﷲ އިންސާނުން ދެ ޖިންސަށް އުފެއްދެވީ ސަބަބަކަށްޓަކައި ކަމާއި، އެ ސަބަބާ ދުރަށް މާއްދިއްޔަތަށް ދިޔުމަކީ ދުނިޔެ ފަސާދަ ކުރުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެފްރިކާގެ ގައުމެއް ކަމުގައި ވާ ޔޫގެންޑާގައިވެސް މި ބާވަތުގެ ކަމެއް ދިމާވެ، ދާދި ފަހުން ވަނީ އެލްޖީބީޓީ ޖަމާއަތްތައް ހިންގުން މަނާ ކޮށްފައެވެ.

ޔޫގެންޑާގައި ގަބޫލު ކުރާ ހަމަ އޮންނަ ގޮތުން، ޖިންސު ބަދަލު ކޮށް ނުވަތަ އެއްޖިންސުން ގުޅުން ހިންގާ، ކައިވެނިކޮށް ހެދުމަކީ ގުދުރަތީ ނިޒާމަށް ގޮންޖެހުމެވެ. އެއްޖިންސުގެ ގުޅުމަށް ހިތްވަރުދޭ ޖަމާއަތެއް ހުއްޓާލަން އެ ގައުމުގެ ސަރުކާރުން އެންގުމާއެކު، ބައެއް އަވަށްތަކުން ވަނީ، އެއްޖިންސުގެ ގުޅުން ޕްރޮމޯޓު ކުރާ މީހުންގެ ގަޔަށް ގާ އުކާ ހަމަލާވެސް ދީފައެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ދުނިޔޭގެ މެޖޯރިޓީ ހިތްވަރު ނުދޭއިރު، އެކަން ޕްރޮމޯޓު ކުރުމަށް ރޭވިގެން ހިންގާ ހަރަކާތްތައް ދުނިޔޭގެ އެތަން މިތާނގައި ކުރިއަށް ދެއެވެ. ދާދި ފަހުން ރާއްޖޭގައިވެސް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑު މައްސަލައެއް ފެންމަތިވެ ގިނަ އަދަދެއްގެ ދިވެހިންނާއެކު އެކަން ކުރިކަމަށް އެއްބަސްވި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ވާ އެމްޑީ އަލަމްގިރިއަށް 7 މަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ. އަދި އެ މައްސަލައިގައި ހިމެނޭ އިތުރު 3 ދިވެއްސެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ މައްސަލަ ކޯޓަށްވެސް ފޮނުވާފައެވެ.