ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، ރައްކާތެރި ތަނެއް ނޫން ކަމަށް އެންގުމުން އެކޯޓު ހިންގާނެ ވަގުތީ އިމާރާތެއް ހޯދަން ކުރި މަސައްކަތަށް ކުރިމަގެއް ލިބިފައި ނުވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓު ހިންގާ، ހަތަރު ފަންގިފިލާގެ އިމާރާތަކީ ބޭނުންކުރަން ރައްކާތެރި އިމާރާތެއް ނޫންކަމުން އެހެން އިމާރާތެއް ލިބޭތޯ ކުރި މަސައްކަތާއި ގުޅޭ ލިޔުމެއް ޑީޖޭއޭއިން މިއަދު މީޑިއާތަކަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެ އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫންކަމަށް ގެޑޯ ކޮންސަލްޓިން ޕްރެއިވެޓް ލިމިޓެޑްގެ ފަރާތުން ޖޫން 17، 2021 ގައި ހުށަހެޅި ރިޕޯޓުގައި ލަފާދީފައިވާތީ އެހެން އިމާރާތެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކޯޓު ހިންގުމަށް އިމާރާތެއް ހޯދަން ޖުލައި 11، 2021 ގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމާ ގުޅިގެން އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އޯގަސްޓް 1، 2021 އެ ދީފައިވާ ކަމަށާއި އެ ކޯޓު ހިންގުން ބަދަލުކުރެވޭނެވަރުގެ ޖާގައެއް ނެތް ކަމަށް ސެޕްޓެމްބަރ 7، 2021 މިނިސްޓްރީ އޮފް ޕްލޭނިން މިނިސްޓްރީއިން އެ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށެވެ.

ޑީޖޭއޭއިން ބުނީ އެ ކޯޓު ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާ ކޮށްދިނުމަށް އެދި ސެޕްޓެމްބަރު 9، 2021 ގައި ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށާއި އެހެންނަމަވެސް އެފަދަ އިމާރާތެއް ޓެންޑާ ކޮށްގެން ލިބިފައި ނުވާކަމަށް މިދިޔަ މާޗު 2 ވަނަ ދުވަހު އަންގާފައިވާ ކަމަށާއި އެ މަރުހަލާގައި ސަރުކާރާއެކު މަޝްވަރާކޮށް އެޗްޑީސީއިން އިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ފެށި ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ ކޮމާޝަލް ޖާގަތަކުން ކްރިމިނަލް ކޯޓު ހިންގުމަށް ޖާގަ ހަމަޖެއްސުމާބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ ބިލްޑިން ތަކުން ޖާގަ ހަމަޖެއްސެއް ނެތްކަމަށް އެޗްޑީސީއިން އަންގުމުން އޭގެ ބަދަލުގައި 6 މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ތައްޔާރުކޮށްދެވިދާނެ ކަމަށް މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

އެކުންފުނިން މިދިޔަ މަހުގެ 17ގައި ޑީޖޭއޭއަށް އަންގާފައިވަނީ ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ބިނާ ކުރުމަށް 6275.25 އަކަފޫޓުގެ ބިމެއް 5 އަހަރުގެ މުއްދަތަށް، ކޯޓުގެ ކޮމްޕްލެކްސް ނިމެންދެން އަކަފޫޓަކަށް 5 ރުފިޔާއަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. ނަމަވެސް އެ ހަތަރު ބުރީގެ އިމާރާތް ބިނާކުރަން ޖެހޭނީ ޑީޖޭއޭގެ އަމިއްލަ ބަޖެޓުން ކަމަށް ބުނެފައިވާ ކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.