ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ދައުލަތުން އެންމެ ފަހުން ގެނައި އިސްލާހުގެ ސަބަބުން ދައުލަތަށް ގެއްލުނު ގްރީން ޓެކްސްގެ އަދަދު އަލުން ނަގަން ގާނޫނަކުން ކަނޑަނޭޅޭނެ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ފާސްކޮށް އަދި ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން، ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ ޖެނުއަރީން ފެށިގެންނެވެ. އެހެންކަމުން ނޮވެމްބަރު 2015 އިން ފެށިގެން ނަގަމުން އައި ގްރީން ޓެކްސް ނެގޭނެ މަގު މިހާރު އޮތީ ބަންދުވެފައެވެ.

ނަމަވެސް، ފަތުރުވެރިން އަންނަ ތަންތަނުން ގްރީން ޓެކްސް ނެގުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

އެހެންވެ، މިހާރު އޮތް އިބާރާތް ބަދަލުކުރުމަށް ފަހު، ގްރީން ޓެކްސް އަލުން ނެގޭ އިސްލާހެއް ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައިވާ ގޮތުން، ގްރީން ޓެކްސް ނުނެގޭ މުއްދަތުގައި އެއްވެސް ފަތުރުވެރިއެއްގެ އަތުން ނަގައިފި ނަމަ، އެ ފައިސާ އެ ފަތުރުވެރިއަކަށް އަނބުރާ ނުދައްކާ ހިނދެއްގައި އެ ފަތުރުވެރިޔާ ހުރި ތަނެއް ހިންގާ ފަރާތުން ދައުލަތަށް އެ ފައިސާ ދައްކަން ޖެހޭނެއެވެ.

މިއަދުގެ ޖަލްސާގައި އެ އިސްލާހާ ގުޅޭ ގޮތުން މެންބަރުން ބަހުސް ކުރައްވަމުން ދިޔަ ވަގުތު ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުން، ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަކަށް ފަހުން އަމަލުކުރާ ގާނޫނަކުން އަދަބެއް ނުލިބޭނެ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ކުރިން ކޮށްފައި އޮތް ކަމަކަށް އަލުން ގާނޫނެއް ހަދައިގެން އެހެން ގޮތަކަށް އެކަން ކުރުމަށް ގާނޫނުގައި ނުހިމެނޭނެއެވެ.

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ހުންނަ ނަމަ، ދުވާލަކަށް މީހެއްގެ އަތުން ހަ އެމެރިކާ ޑޮލަރެވެ. 50 އަށް ވުރެ މަދުން ކޮޓަރި ހުންނަ ތަނެއްގައި ނަމަ، ދުވާލަކަށް މީހެއްގެ އަތުން ތިން އެމެރިކާ ޑޮލަރެވެ.