ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިއަދު ހުޅުވި ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާ އަގާ އެތަން ހަދާފްއި ހުރި ފެންވަރާ ނުބައްދަލު ވުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއީ އިތުރު އެހެން ސްކޫލަކާއެކު ޖުމްލަ މަޝްރޫއުގެ އަގު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ދެ ވަނަ ފިޔަވަހީގައި ދެ ޕްރީ ސްކޫލު އެޅުމަށް ކަމަށާއި އެ މަޝްރޫއުގެ އަގަކީ 23 މިލިޔަން ރުފިޔާ ކަމަށެވެ. އަދި އެ ދެ ސްކޫލު ވެސް ނިންމަން ޖެހެނީ 165 ދުވަހުގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް އެއް ސްކޫލު ހުޅުވީ ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އަވަހަށް ހުޅުވުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.

މިއަދު ހުޅުވީ ކުރިން ޕްރީ ސްކޫލެއްގެ ގޮތުގައި ހެދުމަށް ހަވާލުކުރި ތަނެއް ކަމަށާއި އެ ސްކޫލު ޕްރައިމަރީ ސްކޫލަކަށް ބަދަލު ކުރީ ދެ ވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެފައި ވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި ޕްރައިމަރީ ސްކޫލަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ސްކޫލުގައި ގާއިމްކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތި ނުވެ، ކިޔެވުން ނުގެއްލޭނެ ގޮތަށް މި ދިރާސީ އަހަރު ސްކޫލުތަކުގައިވާ ޖާގައިގެ ދައްޗަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން މިހާރު ވެސް އަންނަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލުތަކެއް އެޅުމަށް މަސައްކަތް ކުރަމުން ކަމަށާއި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭ ދެ ސްކޫލު އަޅާނެ ކަމަށެވެ. އެގޮތުން ސަލާހުއްދީން ސްކޫލުގެ ނަމުގައި އަޅާ ފުރަތަމަ ސްކޫލު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށާއި އަނެއް ސްކޫލު އަންނަ ދިރާސީ އަހަރަށް ހުޅުވޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ އެ ދެ ސްކޫލު ހުޅުވުމާއެކު ދެ ވަނަ ފިޔަވަހީގައި 6،000 ދަރިވަރުންނަށް ޖާގަ އިތުރުކުރެވޭނެ ކަމަށެވެ.