ގާނޫނު ތަންފީޒުކުރުން ވަކި ބަޔަކާ ހަވާލުކޮށްފައި އޮންނަ ހިނދު، އަމިއްލަ އަށް ގާނޫނު ތަންފީޒުކުރުމަކީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މަނާ ކަމެއް ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ބްލޮގްގައި އޭނާ ލިޔުއްވި ލިޔުމުގައި ޝަމީމް ވިދާޅުވީ، އަމިއްލަ އަށް ގާނޫނު ތަންފީޒުކުރުމަކީ އެހާމެ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރާއްޖޭގައި ގާނޫނީ ނިޒާމް ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރީ ދީނާ ހިލާފު ގާނޫނެއް ނަމަ، އެ ގާނޫނު ބާތިލް ކުރެވޭނެ ގޮތް ވެސް ގާނޫނުގައި ކަނޑައެޅިފައިވެއެވެ.

"އެ ގާނޫނަކީ އިސްލާމްދީނާ ހިލާފު ގާނޫނެއް ކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ގާނޫނުގައިވާ ގޮތުގެ މަތިން އުޅުމެވެ."

ދުނިޔަވީ އެކި ކަންކަމަށް ގާނޫނު ހެދުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ކަމަށާއި، އިމާމް ޝާފިއީގެ ރައުޔުގައި އާންމު މަސްލަހަތު ރައްކާތެރިކުރުމުގެ ބާބުގެ ދަށުން، އެކި ކަންކަމުގައި ގާނޫނު ހަދައި ތަންފީޒުކުރެވުން އޮންނަ ކަމުގައި ޝަމީމް ވިދާޅުވިއެވެ. އެ ގާނޫނު ތަންފީޒުކުރަން ޖެހޭނީ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާ އެއްގޮތް ގާނޫނެއްތޯ ބަލައިގެން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް، އެ ގާނޫނު ރަނގަޅުތޯ އަބަދު ބެލުމަކީ ދަތި ކަމެއް ކަމާއި، މަޖިލިހުން ފާސްކޮށްފައިވާ ގާނޫނު ރަނގަޅު ނޫން ނަމަ ކޯޓުން އެކަމަށް ގޮތެއް ނިންމާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނާއި ތާރީހުން މިސާލު ނަންގަވައި ޝަމީމް ވިދާޅުވީ، މީހަކު ކުރާ ތުހުމަތުތަކެއްގެ ސަބަބުން އެ މީހަކު ދެކެ ރުޅި އައުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން އަމަލުކުރުމަށް، ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ހަމަޖެހިފައިވަނީ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށެވެ.

"މިސާލަކަށް، ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއްކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެއެވެ. އޭނާއަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ގާނޫނީ ނިޒާމާ މަތިކޮށްފައެވެ."

ވަކި ކަމެއް ހިނގީ ވަކި ގޮތަކަށް ކަން އެނގުނަސް ވެސް، އެކަމަކަށް އޮންނަ އަދަބެއް ދެވޭނީ ގާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެން ކަމަށާއި، އެ ނިޒާމު ގޯސް ނަމަ، މަޖިލިހުން ބަދަލު ގެންނަންވީ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަމިއްލަ އަށް ގާނޫނު ހިންގުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެހެންވެ އެކަން ހުއްދަކުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.