ދުނިޔެ ތަރައްގީ ވަމުން އަންނަ އިރު ޒަމާނާ އެއްގޮތަށް އަހަރެމެންގެ ދިރިއުޅުމުގައި ވެސް ޓެކްނޮލޮޖީގެ ކުލަތައް އަންނަނީ ޖެހެމުންނެވެ. ދަތުރުފަތުރުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ޓެކްސީ ދަތުރުތައް ހޯދުމަށް ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ހޯދޭނެ ފަސޭހަ ގޮތްތައް މަގުފަހިވެގެން ދިޔައެވެ. މިއީ ހެޔޮ ބަދަލެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. ހެޔޮ ބަދަލުތަކެއް އައި ކަމަށް ގަބޫލު ކުރިއަސް މިހާރު އަނެއްކާ ވެސް ޓެކްސީ ދަތުރު ހޯދުމުގައި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޓެކްސީ ދަތުރު ހޯދުމުގައި ތަކުލީފް ޖެހުނު މީހަކު 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ، އޭނާ މިހާރު ޓެކްސީއެއް ހޯދަން އަވަސް ރައިޑް އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ރިކުއެސްޓަށް ފަސޭހައިން ދަތުރު ނުލިބޭ ކަމަށެވެ. އެހެންކަމުން ކުރިން ޓެކްސީ ހޯދާ އުސޫލަށް ސެންޓަރުތަކުގެ ނަންބަރަށް ގުޅާ ކަމަށާއި އެމީހުން މިހާރު ކަން ކުރާ ގޮތުން ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުނެއެވެ.

"ޓެކްސީއަށް ގުޅާލަ ގުޅާލަ އެތައް އިރަކު ހުންނަން ޖެހޭ. ސެންޓަރުން ފޯނަށް ޖަވާބުދޭ އިރު، މިހާރު ދާން ބޭނުންވާތަން ވެސް ބުނަން ޖެހޭ. މާލޭގެ ބާރުބޮޑު ސަރަހައްދެއް ވިއްޔާ ދަތުރު ނަގަން އެއްބަސްވާނެ ޑްރައިވަރެއް ނުހުރޭ. މާލެއިން ހުޅުމާލެއަށް ދަންޏާ ވަރަށް ފަސޭހާއިން ދަތުރު ލިބޭ. އެހެންވިއްޔާ ޓެކްސީވެސް ކުރަންވީނު ހަމައެކަނި ހުޅުމާލޭއަށޭ ކުރަނީ ކިޔާފަ. އޭރުން މާލެތެރެއިން ދަތުރު ހޯދާކަށް އަހަރެމެން ނުގުޅާނެ ދޯ"
ޓެކްސީ ދަތުރު ނުލިބޭތީ ޝާކުވާ ކުރި މީހެއް

މާލޭގެ ގަލޮޅުން މައްޗަންގޮޅީގައި ހުރިތަނަކަށް ދިއުމަށް ޓެކްސީއެއް ހޯދަން ދެ ތިން ސެންޓަރަކަށް ގުޅުމުން އެއިން ކޮންމެ ތަނަކުން ވެސް ދާން ބޭނުންވާ މަންޒިލް އޮޅުން ފިލުވަން ސުވާލު ކުރި ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް އެތައް އިރަކު ފޯނުގައި މަޑުކޮށްގެން ވެސް ޓެކްސީއެއް ނުލިބުނެވެ. އެ ތަނުން އެއް ސެންޓަރަކަށް ގުޅައިގެން ހުރި ވަގުތު ވެއިޓިންގައި ހުރި އިރު އެހެން ކޯލަކަށް އެ ސެންޓާރުން ޖަވާބު ދޭ އަޑު އިވުނު ކަމަށާއި އެމީހާއަށް ވަރަށް ފަސޭހައިން ޓެކްސީ ހަމަޖެހުނު ކަމަށް އެމީހާ ބުނެއެވެ. އެއީ އެމީހާ ދާ މަންޒިލަކަށް ވީ ހުޅުމާލެ ކަމަށް ވީމައި ކަމަށާއި އެ ދަތުރުން ގިނަ ފައިސާ ލިބޭނެތީ އެ ދަތުރު ވަރަށް ފަސޭހައިން ޓެކްސީއަކުން ނެގި ކަމަށް އޭނާ ބުނެއެވެ.

ހަމައެގޮތަށް ޓްކްސީ ދަތުރުތައް ހޯދުމުގައި އުނދަގޫތަކާ ކުރިމަތިލި އިތުރު މީހަކު ބުނީ، މާލޭ މަގުމައްޗަށް ނުކުންނަނީ އެޕުން ޓެކްސީ ނުލިބި ސެންޓަރަށް ގުޅުމުން އެތަނުގެ ނަންބަރު ބިޒީ ވުމުން ކަމަށެވެ. މާލޭ މަގުމަތީ އެތައްް އިރަކު ޓެކްސީ ހޯދަން އަތުން ހަނާ އަޅާލަ އަޅާލަ ހުރި ކަމަށާއި، ދިމާވި ޓެކްސީތަކުން ކައިރިއަށް މަޑުކޮށްލާފައި ދަނީ ކޮންތާކަށްތޯ އަހާ ކަމަށް އެމީހާ ބުނެއެވެ. އަދި މަންޒިލް ކިޔައި ދިނުމުން ދަތުރަށް ނޫނެކޭ ބުނެ ޓެކްސީ ދަތުރުކޮށް ނުދީ ދާ ޓެކްސީ މިހާރު އާންމުކޮށް ފެންނަ ކަމަށް އެމީހާ ބުނެއެވެ.

"މަގުމަތިން ޓެކްސީއެއް ނަގަން އުޅުނީމަ އެބަ އަހާ ދަނީ ކޮންތާކަށް ހޭ. އައިޖީއެމްއެޗަށޭ ދަނީ ބުނާ އިރަށް ބުނާނެ، މި ދަނީ ހެންވޭރަށޭ. އެހެންވީމަ ދަތުރެއް ނުނެގޭނޭ."
ޓެކްސީ ދަތުރު ނުލިބޭތީ ޝަކުވާ ކުރި މީހެއް

ޓެކްސީ ދަތުރު ހޯދުމުގައި މާޒީގައި ވެސް އެފަދަ އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ، ޓެކްސީ ހޯދަން ސެންޓަރަކަށް ފަހު ސެންޓަރަކަށް ގުޅާލަ ގުޅާލަ ތިބެން ޖެހެއެވެ. އެވަރުން ނުވެ ޓެކްސީ ނުލިބޭތީ ކައިރީގައި ހުންނަ ޓެކްސީ ސެންޓަރުތައް ދޮށަށް ގޮސް ކިއުގައި މީހުން ތިބި ޒަމާންވެސް ވަނީ މާޒީޢާ އެކުވެގެން ގޮސްފައެވެ.

މިކަމަށް ހައްލެއް ލިބޭނެ ކަމަށް އާންމުން ގަބޫލު ކުރީ ޓެކްނޮލިޖީއާ އެއްހަމަ ކުރުމަށް މޮބައިލް އެޕލިކޭޝަންތައް ތައާރަފް ކުރުމުންނެވެ. ފޮނި އުންމީދުތަކަކާ އެކުގައި ތިބި ނަމަވެސް އެކަމަށް ހައްލެއް އައި ހެއްޔެވެ؟ ދުވަސްކޮޅަކަށް ޓެކްސީ ދަތުރުތައް ނަގަން ފަސޭހަތަކެއް ވެގެން ދިޔައެވެ. އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރުކޮށްލާ ޓެކްސީ އޮތް ހިސާބު ބަލައިލާ ޑްރައިވަރުގެ މައުލޫމާތު ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެން ދިޔުންވީ ޓެކްސީ ދަތުރުތައް ކުރުމުގެ ރައްކާތެރިކަމާއި ފަސޭހަކަން ދިވެހިންނަށް އިހުސާސް ކުރެވުނު ކަމަކަށެވެ.

މާލޭ މަގުމަތީގައި ދަތުރު ކުރާ ބައެއް ޓެކްސީތައް

ނަމަވެސް އޭގެ ފަހުން ދަތުރު ހޯދަން ދަތިތަކަކާ ކުރިމަތިލާން ޖެހުނީ ދުނިޔެއަށް ދިމާވި އިގްތިސޯދީ ކޮޅިގަނޑުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ވެސް ދަތިތަކެއް ކުރިމަތިލާން ޖެހުނު ހިސާބުންނެވެ. އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުން ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ނުގެންނާތީ އިހުތިޖާޖުތައް ކޮށް އާންމުންނަށް ދަތުރުފަތުރުގައި ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ.

އެއަށް ފަހު ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައެވެ. އާންމުކޮށް މާލެތެރޭގައި ކުރާ ދަތުރުތަކުގެ އަގު 25 ރުފިޔާއިން 30 އަށް ބޮޑު ކުރިއެވެ. އެއަކުން ޓެކްސީ ދަތުރުތަކަށް އޮތް ޑިމާންޑަކަށް ބަދަލެއް ނައެވެ. ނަމަވެސް ޓެކްސީ ދަތުރުތައް ހޯދުމުގައި އާންމުންނަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ނުލިބުނެވެ. ޓެކްސީ ދަތުރެއް ހޯދަން އެތައް އިރަކު އެޕް "ރީފްރެޝް" ކޮށްލަ ކޮށްލާ މަގުމަތީ ދުވާރު މަތީ ތިބެން ޖެހެއެވެ. ގަޑި ޖެހޭ ހިސާބަށް ދިއުމުން މަގުމަތިން ދާ ހުސް ކާރުތަކަށް އަތް ނަގައި ޓެކްސީއެއް ލިބޭތޯ މަގުމަތީ ހަނާ އަޅަން ޖެހެއެވެ. ހުއްޓާ ޓެކްސީއެއް ވިޔަސް އަހާލަނީ ދަނީ ކޮންތާކަށް ހެއްޔެވެ. ދާ މަންޒިލް ސާފު ކުރުމަށްފަހު ދަތުރު ނުނެގޭނޭ ބުނެ ދާ ޓެކްސީތައް މަދެއް ނޫނެވެ.

ޓެކްސީ ޑްރައިވަރުން ރުއްގަނޑުގައި އިހްތިޖާޖުކުރަނީ / ފޮޓޯ: އެމްވީކްރައިސިސް

މިއީ ދަތުރުފަތުރު ކުރުމުގައި އަދިވެސް ހައްލު ނުލިބި އޮތް ކަމެކެވެ. މިކަމަށް ހައްލު ހޯދައި ދިނުމަށް ޓެކްސީ ޑްރައިވަރުންނާ އެކީ އެތައް މަޝްވަރާ ބައްދަލުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވިއެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ޑިމާންޑަށާއި ރައްޔިތުންގެ ޖީބަށް ބުރަ ނުވާނެހެން ގެނައި ބަދަލުތަކަކުން ވެސް ދަތުރުފަތުރު ކުރުމުގައި އޮތް މި މައްސަލައަށް ހައްލު ހޯދައިދެވޭ ގޮތެއް ނުވުމުން ޓްރާސްޕޯޓުން ވަނީ މާލޭގައި މިނީ ބަސް ހިދުމަތް ދިނުމަށް ނިންމާފައެވެ.

މި ބަދަލަކީ އާންމުންނަށް ލުއިތަކެއް ލިވޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މި ބަދަލަކީ ޑްރައިވަރުންނަށް އޮތް ޑިމާންޑް ކުޑަ ވެގެން ދާނެ ކަމެއް ކަމަށް ބުނެ ޑްރައިވަރުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެމީހުންގެ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނެ އަންނަނީ އަޑު އުފުލަމުންނެވެ. މިކަމާ ގުޅިގެން އާންމުން ބުނަނީ ޑްރައިވަރުން ބުނިހާ ކަމެއް ކޮށްދިނީމައި ވެސް އެމީހުން ހިތް ނުފުރުނީމާ ވާނީ މިހެން ކަމަށެވެ.