މިނީ ބަހުގެ ދަތުރެއްގެ އަގަކީ ހަތް ރުފިޔާ ކަނަށް ނިންމައިފިއެވެ.

އެ ނިންމުން ހާމަކުރީ ސަރުކާރުގެ ސިޔާސަތުތަކުގެ މައުލޫމާތުތައް ހާމަކުރާ "ގަވަމަންޓް އޮފް މޯލްޑިވްސް"ގެ ޓްވިޓާ އެކައުންޓުން އާންމުކުރި އިންފޯގްރެފިކް ވީޑިއޯއެއްގައެވެ.

އެ ވީޑިއޯގައި ބުނެފައިވާ ގޮތުން، މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނަގާނެއެވެ. ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ދަތުރުތައް ހިލޭއެވެ.

މިނީ ބަސްތައް ދަތުރުކުރާނީ ދެ ރޫޓަކުންނެވެ. އެއީ:

  • ހެންވޭރު ސްޓޭޑިއަމުން ފެށިގެން ބީޗް ވޮލީ ކޯޓަށް
  • މާފަންނު ވެސްޓްޕާކުން އޯކިޑްމަގުގައި ހުންނަ ސަންފްރަންޓް ލައިޓް ޝޮޕަށް

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރުކުރާނެއެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މާލޭގެ އިތުރުން، މިނީ ބަހުގެ ހިދުމަތް ދިނުމަސް ހަމަޖެހިފައިވަނީ ލ. ގަން، ފުނަދޫ، އިސްދޫ ކަލައިދޫގެ އިތުރުން އައްޑުއާއި ފުވައްމުލަކުގައެވެ.

މިނީ ބަހުގެ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން ދެ ހަފްތާ ވަންދެން ޓެސްޓް ދަތުރުތައް ކުރާނެއެވެ. އެ މުއްދަތުގައި ކުރާ ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެއެވެ.

ނަމަވެސް މިނީ ބަހުގެ ދަތުރުތައް ފަށާނެ ވަކި ތާރީހެއް ސަރުކާރުން ވެސް އެމްޓީސީސީން ވެސް އަދި އިއުލާނު ނުކުރެއެވެ.