މިދިޔަ މަހު މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ވައިގަދަވެ، އަދި އުދަ އެރުމުގެ ސަބަބުން 10 ރަށަކަށް ގެއްލުން ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.

އެންޑީއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 10 ރަށަކަށް ގެއްލުން ވެފައި ވާއިރު އޭގެ ތެރެއިން 9 ރަށަކަށް ވަނީ އެހީގެ ފައިސާ ފޯރުކޮށްދީފައެވެ.

މި ހާދިސާގައި 6 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އަލުން އާރާސްތު ކުރަންޖެހޭފަދަ ހާލަތަށް ގޮސްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސ. މަރަދޫ، ސ. މަރަދޫފޭދޫ، ށ. ބލެއްފަހި، ގދ.ރަތަފަންދޫ، ތ. ތިމަރަފުށި، ގދ.މަޑވެލި، ހދ.ވައިކަރަދޫ، ގދ.ފިއޯރީ އަދި ގދ. ހޯނޑެއްދޫ އަށެވެ.

މިރަށްތަކަށް ލިބުނު ގެއްލުން ތަކަށް ޖުމްލަ 1.25 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރެއިން 2 ލައްކަ ރުފިޔާގެ އެހީ ފޯރުކޮށްދީފައިވަނީ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށެވެ. އަދި އިންފްރާ ސްޓްރަކްޗަށް 9 ލައްކަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.