ސްރީލަންކާގެ އިގްތިސޯދު ކޮޅަށް ޖެހުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތައް މަރުހަބާ ވިދާޅުވެ، އެ ގައުމަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ސްރީލަންކާގެ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ސްޓާފް ލެވެލްގެ އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް އިއުލާން ކުރުމުންނެވެ. ނަޝިދު ވަނީ އެ އެއްބަސްވުމަށް ދިއުމުން ެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއީ ކާމިޔާބެއް ކަމަށާއި އެއިން ސްރީލަންކާގެ ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ ފުރިހަމަކަން ދައްކުވައިދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަަކީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ނަމަވެސް މިއަދު ވީ އެއްބަސްވުމަކީ ކުރިއަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މިޝަންއެއް ކޮލަމްބޯއަށް ގޮސް މިދިޔަ މަހުގެ 24 އިން މިއަދާ ހަމައަށް ވަނީ އައިއެމްއެފުން އެއްބާރުލުން ދިނުމާއި، ކަމާބެހޭ ފަރާތްތަކާއެކު އިގްތިސޯދީ އިސްލާހީ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ބައްދަލުވުންތަކަށް ފަހު އައިއެމްއެފް އިން ނެރުނު ބަޔާނުގައި ވަނީ، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާއި އައިއެމްއެފްގެ ޓީމާ ދެމެދު ސްޓާފް ލެވެލްގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެއީ ސްރީލަންކާގެ އިގުތިސޯދީ އެޑްޖަސްޓްމަންޓް އަދި ރިފޯމް ޕޮލިސީތަކަށް އެހީތެރިވުމުގެ ގޮތުން 48 މަސް ދުވަހުގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) އަކާއެކު، 2.9 ބިލިއަން ޑޮލަރު އެކްސެސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ ދަށުން އާދެވިފައިވާ އެއްބަސްވުމެއް ކަމަށެވެ.

އީއެފްއެފްގެ އާ އިންތިޒާމްގެ ސަބަބުން މާލީ ހަމަޖެހުން ރައްކާތެރި ކުރުމާއި، ކޮރަޕްޝަންގެ ނާޒުކު ކަން ކުޑަ ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ފަންޑުގެ އެހީގައި ހިންގާ ޕްރޮގްރާމްގެ މަގުސަދަކީ އިގުތިސޯދު ހަމައަކަށް އެޅުވުމާއި، ސްރީލަންކާގެ ރައްޔިތުންގެ ދިރިއުޅުން ރައްކާތެރިކުރުމާއި، އިގުތިސޯދު ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ، ކުރިއެރުމަށް ބާރުއެޅުން ކަމަށް ވެސް ބުނެއެވެ.