އިސްލާހީ މަސައްކަތަކީ ކުޑަ މުއްދަތަކުން ނުވަތަ މަދު މަސައްކަތުން ވާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާހަކައިގެ އަޑުތައް ގަދަވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިމްރާން ވިދާޅުވީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތުން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް، ދިގު މުއްދަތަކަށް، ފޫހިކަމެއް، ވަރުބަލިކަމެއް ނެތި ކުރެވޭ ގިނަ ބުރަ މަސައްކަތުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވާ ދެ ބޭފުޅުންނަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި އަހަރުގެ ކުރީކޮޅު އެކަން އިއުލާންކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނު އެމްޑީޕީގެ ފަރާތުން ވާދަކުރައްވައިފިނަމަ އިންތިހާބު ކާމިޔާބުކުރަން ފަަސޭހަވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ޕާޓީގެ ތެރޭގައި ވަނީ ދެ ޕެކްޝަނެއް އުފެދި ހިޔާލު ތަފާތުވުންތަކެއްވެސް ކުރިމަތިވެފައެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ. އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުއާއި އެމްއެންޕީންގެ ރައީސް އަދި ދަނގެތީ ދާއިރާގެ މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ.