ބުޅަލުގެ އުނދަގޫ ބޮޑުވެ، ރައްޔިތުންގެ ޝަކުވާ ލިބެމުންދާތީ، މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ވިލިމާލޭގައި ވެޓް ކްލިނިކަކާ އެކު ބުޅާ ފެސިލިޓީ އެއް އިމާރާތްކުރަން ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ނުވަތަ އަށް މިލިއަން ރުފިޔާ ހަރަދުކޮށް ބުޅާ ފެސިލިޓީ އެއް ގާއިމްކުރުމުގެ ގާބިލްކަން ކައުންސިލްގެ ކިބައިގައި އެބަހުރި ކަމަށެވެ. ވިލިމާލޭގައި ބުޅާ ފެސިލިޓީ އެއް ގާއިމްކުރަން ނިންމާފައި ވަނީ މޭޔަރު ވިދާޅުވި ގޮތުގައި، މާލެއަކީ ތޮއްޖެހި، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީއެވެ.

އެ މައްސަލައާ ބެހޭގޮތުން ކައުންސިލަރުން ވާހަކަ ދެއްކެވުމަށް ފަހު، ވިލިމާލޭގައި ބުޅާ ފެސިލިޓީ އެއް އިމާރާތްކުރަން ނިންމާފައި ވަނީ މިއަދުގެ ޖަލްސާ އަށް ހާޒިރުވި 13 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ އިއްތިފާގުންނެވެ. ވިލިމާލޭގައި ބުޅާ ފެސިލިޓީ އިމާރާތްކުރަން ދެކޮޅު ހައްދަވާފައި ވަނީ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

ނަހުލާ ވިދާޅުވީ، ބުޅަލުގެ ސަބަބުން މާލޭގައި އުނދަގޫ ބޮޑުވެފައިވާއިރު، އެ މައްސަލަ ވިލިމާލޭގައި ބޮޑު ކަން މީގެ ކުރިން ވެސް ފާހަގަކުރައްވާފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިލިމާލޭގައި މީގެ ކުރިން ވެޓް ކްލިނިކެއް ހުރި ނަމަވެސް، އެ ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ. އަދި ވިލިމާލޭގެ އާންމުންގެ ތެރެއިން ގިނަ މީހުން ވެސް މިކަމަށް ދެކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކެމްޕެއިން ދުވަސްވަރު ގޭގެ އަށް ޒިޔާރާތްކުރި މީހެއްގެ ހައިސިއްޔަތުން ދާއިރާގެ ރައްޔިތުންގެ މެޖޯރިޓީ ރައްޔިތުންގެ ބަސް އަޅުގަނޑު މި ތަނުގައި މި އިއްވަނީ. މިއީ ވިލިމާލޭ ރައްޔިތުން ދެކޮޅު ކަމެއް."
ނަހުލާ އަލީ | ކައުންސިލަރު, ވިލިމާލެ ދާއިރާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވި ގޮތުގައި، ބުޅާ ފަދަ ޖަނަވާރުތައް އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ގެންގުޅެމުންދާއިރު، އެ ތަކެއްޗަށް ފަރުވާ ކުރެވޭނެ ގޮތެއް އޮންނަން ވާނެއެވެ. އޭނާ ވިދާޅުވީ، މާލޭ ރައްޔިތުންގެ އާންމު ސިއްހަތަށް ގެއްލުންވާ ހިސާބަށް ބުޅަލުގެ ނަޖިހުގެ ކަންކަން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް، ވެޓް ކްލިނިކެއް ހުރުމަކީ އެ ތަނެއްގައި ބުޅާ ގިނަވާނެ ސަބަބެއްނޫން ކަމަށާއި، ބުޅަލުގެ ނުރައްކަލެއް ވެސް އޮންނާނެ ކަމެއް ނޫން ކަމަށް، އޭނާ ވިދާޅުވިއެވެ.

"ބުޅާ މަދުކުރުމަށްޓަކައި އެ ބުޅާ ނިއުޓާ ކުރެވޭނެ ގޮތެއް އެބަ ހަދަން ޖެހޭ. އަދި ކޮންމެސް ވަރަކަށް އޭގެ ބަލި އެއްޗިއްސަށް ކޮންމެސް ކަހަލަ ހައްލެއް ލިބޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހަދަން ޖެހޭ."
މުހައްމަދު ސައިފް ފާތިހު | ކައުންސިލަރު, ގަލޮޅު އުތުރު ދާއިރާ

މިއީ އަވަހަށް ހައްލުކުރަން ޖެހޭ މައްސަލައެއް ކަން ސައިފް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެކަމުގެ ޝަކުވާ ކޮންމެ ދުވަހަކު ތަކުރާރުކޮށް އަޅުގަނޑުމެންނަށް ލިބެމުންދޭ." ސައިފް ވިދާޅުވިއެވެ.

ނަހުލާ ފިޔަވައި، ޖަލްސާގައި ވާހަކަ ދެއްކެވި އެހެނިހެން ކައުންސިލަރުން ވަނީ ވެޓް ކްލިނިކަކާ އެކު ވިލިމާލޭގައި ބުޅާ ފެސިލިޓީ އެއް އިމާރާތްކުރުމަށް ތާއީދުކުރައްވައިފައެވެ.

އަޅުގަނޑުވެސް ފާހަގަކުރަން. ކެޓް ޝެލްޓާ އަކީ އެންކްލޯޒް ކުރެވިފަ ހުންނަ، އެތަނުގެ ތެރޭގަ ޕްރޮފެޝަނަލުން ތިބެގެން އެ އެއްޗެހި ޓްރީޓްކޮށް ބަލަހައްޓާ ތަނެއް." މުއިއްޒު ވިދާޅުވިއެވެ.