މާލެއިން ނ އަތޮޅަކަށް 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެ ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ލަންދޫ ބޯޓު" ދިޔަވެ ކ. ގާފަރު ފަރަށް އަރާފައިވާ ކަމަށެވެ.

ފަރަށް އެރި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވީ، އެބޯޓަކީ މާލެއިން ލަންދޫއަށް ދަތުރުކުރި ބޯޓެއް ކަމަށާއި ކަނޑުގަދަ ވުމުގެ ސަބަބުން މާލެއިން ފުރައިގެން ގާފަރުގައި މަޑު ކުރުމަށްފަހު، މިއަދު ލަންދޫ އަށް ދިއުމަށް ފުރި ކަމަށް މަންސޫރު ވިދާޅުވިއެވެ. އަދި ގާފަރުން ފުރިތާ ގަޑިއިރެއް ހާތަނުގައި މިހާދިސާ ހިނގައިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުން 12 ދިވެހިންނާއި 36 ބިދޭސީން ވަނީ ދަތުރުކޮށްފައެވެ. އަދި މި ބޯޓުގައި ހުރި ގޭސް ފުޅިތައް އޮޔާދާތީ ގޭސް ފުޅިތައް ނެގުމުގެ މަސައްކަތް ސަޕްލައި ދޯނިތަކުން ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ތިބި ގިނަ ބަޔަކު ގާފަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެބޯޓުގައި ދަތުރުކުރަމުންދިޔައީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 10:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.