މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް، ކޮވިޑް-19 ގެ ކުރިން ކުރި ފަދައިން، ޑޯޓުޑޯ ކަލެކްޝަން ސާވިސް ހޯދުމަށް އީޕީއޭއިން އެދެފިއެވެ.

އީޕީއޭއިން ނެރުނު ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރި ދުވަސްވަރު ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބަދަލުތަކެއް ގެނެސް، އާންމު ފަރާތްތަކަށާއި ކުނި މެނޭޖުކުރުމުގެ ހިިދުމަތްދޭ ފަރާތްތަކަށް ވެސް އެކަން ބޮޑު ތަކުލީފަކަށް ނުވާނެހެން ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ކުނި މެނޭޖުކުރުމުގެ ހިދުމަތަށް އެދުވަސްވަރު ލުއި ގޮތްތަކެއް ހަމަޖައްސއިދިފައިވަނީ ގައުމި ކާރިސާއަކާ ގުޅިގެން އިތުރު ގޮތެއް ނެތުމާއެކު މާލެ ސިޓީގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ގޮތަށް ކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އީޕީއޭ އިން އިތުރަށް ބުނީ، ފުރަބަންދު އުވާލިތާ ގިނަ ދުވަސް ފާއިތުވުމާއެކު އެފަދައިން ކުނި މެނޭޖުކުރުމަށް މަޖުބޫރު ހާލަތެއް މިހާރު ނެތްކަމަށެވެ. އެހެންކަމުން، މިހާރު މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް، ކޮވިޑް-19 ގެ ކުރިން ކުރި ފަދައިން، އެންމެހާ ފަރާތަކުންވެސް ޑޯޓުޑޯ ކަލެކްޝަން ސާވިސް ހޯދުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

ކުނި މެނޭޖުކުރުމުގެ ހިދުމަތް ހޯދުމުގެ ގޮތުން އެއްވެސް ހާލަތެއްގައި ނުވަތަ އެއްވެސް ވަގުތެއްގައި މަގުމައްޗަށާއި، ދުވާރު މައްޗަށް ކުނި ނޭޅުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނި ފުނި ޖަހާ ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި އެ ކުނިފުނިތައް ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އެހެންކަމުން، އެފަދަ ކުނީގެ ކަލެކްޝަން ޕޮއިންޓްތައް މަގުމަތީގައި އާއި ދުވާރުމަތީގައި ހަދައި އެފަދަ ކަލެކްޝަން ޕޮއިންޓްތަކަށް ކުނި ޖަމާނުކުރުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

އީޕީއޭއިން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މަގުމައްޗާއި ދުވާރު ސާފުކޮށް ބޭއްވުމަށް، މަގުމައްޗަށާއި ދުވާރު މައްޗަށް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު އާ އެއްގޮތްވާގޮތުގެ މަތިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.