ޕާކިސްތާނުގައި މިވަގުތު ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިން އިސްލާމްއާބާދުގައި ހުންނަ ހައި ކޮމިޝަންގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގައިފައެވެ. ފޮރިން މިނިސްޓްރީން ބުނީ ހައި ކޮމިޝަންގައި މިހާތަނަށް 67 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް ސަފާތު އަހްމަދު ވިދާޅުވީ، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ ދިވެހިން ދިރިއުޅެނީ ޕާކިސްތާނުގެ ލާހޯރު ނުވަތަ ވެރިރަށް ކަރާޗީގައެވެ. އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، ފޮރިން މިނިސްޓްރީން އެ މީހުންގެ ހާލު ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އާއި މެލޭޝިއާގެ އިތުރުން، މަތީ ތައުލީމް ހާސިލްކުރުމަށްޓަކައި ޕާކިސްތާނަށް ގިނަ ދިވެހިން ދެއެވެ. ބައެއް ދިވެހިންގެ މެދުގައި ޕާކިސްތާނަކީ މަގްބޫލު މަންޒިލެކެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި 30 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. ވިއްސާރައިގެ ސަބަބުން އެ މީހުންގެ ބޯހިޔާވަހިކަމަށް އަސަރުކޮށްފައިވާތީ، އެ ގައުމުން ބޭރުގެ އެހީ އަށް ވަނީ އެދިފައެވެ. މިއީ 2010 ގެ ފަހުން ޕާކިސްތާނުގައި މިހާތަނަށް އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކުރި ފުރަތަމަ ފަހަރެވެ.