ހައި ސްޕީޑް ފެރީ އެއްވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ށ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ދޭން ފަށައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށާފައިވަނީ މިއަދުއެވެ. ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕަބްލިކް ރިލޭޝަން އޮފިޝަ ވިދާޅުވީ، މި ދަތުރުތަކަށް އަގު ނަގަން ފަށާނީ އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިގޮތުން އަގުތައް އުޅެނީ 35 ރުފިޔާ އާއި 100 އާ ދެމެދު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެކުރީގެ ހާލަތަށް ބަލާއިރު, ށ އަތޮޅުގެ ރަށްތަކަށް އަމިއްލަ ފަރާތްތަކުގެ ލޯންޗުން ދަތުރު ކޮށްދެނީ 1000 ރުފިޔާ އާއި 3000 ރުފިޔާ އާ ދެމެދު އަގެއްގައެވެ. ށ އަތޮޅުގައި މިފެށި ހައި ސްޕީޑް ފެރީގެ ހިދުމަތާއެކު ހެޔޮ އަގުގައި ދެން ރަށްތަކަށް ދަތުރުކުރެވޭނެއެވެ.
އެމްޓީސީސީން ވަނީ އާރްޓީއެލްގެ ފެރީގެ ހިދުމަތް ށ. އަތޮޅަށް ފެށުމައްޓަކައި މިދިޔަ އާދިއްތަ ދުވަހު މާލެއިން 4 ފެރީ ވެސް އެ އަތޮޅަށް ގޮސްފައެވެ.
ށ. އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީއެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުރަތަމަ ޒޯންގެ ދަތުރުތަކުގެ މަސައްކަތް މިހާރު ނިމިފައި ވާއިރު އެމްޓީސީސީން އަންނަނީ ޒޯން ދޭ އަދި ތިނެއްގައި ހިމެނޭ ރަށްތައް ގުޅާލުމަށް ބޭނުންވާ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ އާރްޓީއެލްގެ ފެރީތައް ހިތްގައިމު ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.