ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފައި އޮތް ނަމަވެސް، ގާޒީ ޗުއްޓީގައި ހުންނެވުމުން އަޑުއެހުން ކެންސަލް ވެއްޖެއެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި އޮތީ މިއަދުގެ ހެނދުނު 9:30 އަށެވެ.

ކްރިމިނަލް ކޯޓުން ބުނީ މި މައްސަލަ ބައްލަވާ ގާޒީ މިވަގުތު ހުންނެވީ ޗުއްޓީގައި ކަމަށާއި އެ ސަބަބާ ހުރެ މި ހަފްތާއިން ފެށިގެން އެ ސެކްޝަންގައި އެއްވެސް މައްސަލައެއް މިވަގުތު ތާވަލް ކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައި ވަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށެވެ. ވ. އާރަށުގެ މުއާމަލާތާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ ޝަރީއަތް ކެންސަލް ވެފައި ވާއިރު ޔާމީން ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރު ގައުމެއްގެ ފަރާތުން (އިންޑިއާ) އިން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަ ރައީސް އޮފީހުން އަދި ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ވީޑިއޯ ކޯލްގެ ޒަރީއާއިން ރައީސް ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މި ކަން ރައީސް އޮފީހުން ދޮގުކޮށް ނުވަތަ ތެދުކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ކުރު ބަޔާނެއް ނެރުނީ، ރައީސް ޔާމީން ޖަލަށްލާން ޖެހޭކަމަށް ތަކުރާރުކޮށް ޑރ. ޖައިޝަންކަރު ރައީސް ސޯލިހަށް ދަންނަވާފައި ކަމަށް ބުނެ ދިޔަރެސްގައި ގެނެސްދީފައި އޮތް ހަބަރަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ އެހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ހިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ހިޔާލީ ވާހަކައެއެއް ކަމަށެވެ.

ރައީސް އޮފީހުން ވަނީ ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާ ގުޅޭ ގޮތުން އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދު މިވަގުތު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ދަތުރެއް ކަމަށެވެ.

އަދި އެދަތުރުގެ ތެރެއިން ޝާހިދު ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި، ރައީސް ޔާމީން ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ބޭރު ގައުމެއްގެ ބޭފުޅަކު އެދިފައިވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ދޮގު މައުލޫމާތެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ޒިންމާދާރުކަމެއް ނެތި، ނޫސްވެރިކަމުގެ ހަމަތަކުގެ ބޭރުން ލިޔެފައިވާ ދޮގު ހަބަރެއް ކަމަށާއި ހަބަރު ފެތުރުއްވުމުގައި ވީހާވެސް ޒިންމާދާރުކަން އިސްކޮށް، ރައްޔިތުންނަށް ހަގީގަތް ނޯޅޭނެހެން ތެދު މައުލޫމާތު ގެނެސްދިނުމަށެވެ.

ޝާހިދު އިންޑިއާ އަށް ކުރައްވާ މި ދަތުރުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާ، އދ. ގައި ހުރި އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޝާހިދުގެ މީޑިއާ އޮފީހުން ބުނެފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ތިން ބޭފުޅަކާ އެކު ކުރައްވާ ދަތުރަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުން ކަމަށް ޝާހިދުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އަން އެނގިފައި ވާ ގޮތުން، ރައީސް ނަޝީދާއި ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އެއާޕޯޓު ނުއަގުގައި ކުށްޔަށް ދިން، ޖީއެމްއާރުގެ ޗެއާމަން ރާއޯގެ އާއިލީ ކައިވެނި ހަފްލާއެއްގައި ވަނީ ބައިވެވަޑައިގެންފައެވެ.