ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
އޭޓީއެމްގެ ހިދުމަތް ފަށާފއިވާ ދެ ރަށަކީ ފިއްލަދޫ އަދި ވަށަފަރެވެ.
ބީއެމްއެލުން ބުނީ، އެ ދެ ރަށުގައި މިއަދު ހުޅުވުނު ދެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ ބޭންކިން ވިއުގަ ފުޅާ ކުރުމަށާއި ބޭންކިން ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފިއްލަދޫ އަދި ވަށަފަރުގައި ރައްޔިތުންނަށް އެހީތެރިވެދެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަލަށް ހުޅުވި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އެ ދެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެ ކަމަށް އާއިޝަތު ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ. މި ހިދުމަތްތައް ފޯރުކޮށް ދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެއެވެ.