މ. ވޭވަށުގެ އަލަށް އިމާރާތް ކުރި އިންޖީނުގެ އާއި އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

ވޭވަށުގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއަކީ، މީގެ 29 އަހަރު ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއެކެވެ. އަދި އިންޖީނުގެ ހުރީ ރަށުގައި މީހުންދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވުމާއިއެކު އެކަމުގެ ސަބަބުން އާންމުރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

އެގޮތުން އިންޖީނުގެތައް މީހުން ދިރިނޫޅޭ ހިސާބުތަކަށް ބަދަލުކޮށް އިންޖީނުގެ ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ ވޭވަށުގައި އާ އިންޖީނުގެއެއް ގާއިމްކޮށްފައެވެ. އެ އިންޖީނުގެއަކީ ބޮޑު މިނުގައި 208 ސްކެއާ މީޓަރު ހުންނަ، އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ބޮޑު އިންޖީނު ގެއެކެވެ. ހަމައެއާއެކު އާ އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ ތިން ޖެންސެޓް ބަހައްޓައި ހިދުމަތްދެވޭނެ ގޮތަށް ކަމަށާއި މިހާރުގެ ކެޕޭސިޓީއަކީ 448 ކިލޯވޮޓް ކަމަށް ފެނަކައިން ބުނެއެވެ.

މި އިންޖީނުގެ މިއަދު ހުޅުވައިދެއްވާއިފައި ވަނީ ރައިސުލްޖުމްހޫރިއްޔާ މުަލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސް އަހަރަށް އެއްވެސް ދަތި ކަމެއް ނެތި ކަރަންޓުގެ ހިދުމަތް އެރަށަށް ފޯރުކޮށްދެވޭނެ ކަމަށެވެ.