ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ ބާއްވާ ދުވަހެއް އަދި ނުނިންމާ ކަމަށް އެ ޕާޓީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އެމްޑީޕީ ކޮންގްރެސްގެ މީޑިއާ ކަންތައްތައްވެސް ބެލެހެއްޓެފި ޝިފާއު "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ނުނިންމާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ދަނީ މަޝްވަރާކުރަމުން ކަމަށެވެ.

ޝިފާއު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންނާ ހަވާލާދެއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވާ ދެ ބޭފުޅުންނަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ސޯލިހު މި އަހަރުގެ ކުރީކޮޅު އެކަން އިއުލާންކުރައްވައި ވިދާޅުވީ އެ މަނިކުފާނު އެމްޑީޕީގެ ފަރާތުން ވާދަކުރައްވައިފިނަމަ އިންތިހާބު ކާމިޔާބުކުރަން ފަަސޭހަވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ޕާޓީގެ ތެރޭގައި ވަނީ ދެ ޕެކްޝަނެއް އުފެދި ހިޔާލު ތަފާތުވުންތަކެއްވެސް ކުރިމަތިވެފައެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ. އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުއާއި އެމްއެންޕީންގެ ރައީސް އަދި ދަނގެތީ ދާއިރާގެ މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ.