ގޭސްފުޅިއަކުން ގޭސް ލީކުވެ މަންމައަކާއި 2 އަހަރުގެ ދަރިފުޅު ފިހިގެން ލިބުނު އަނިޔާތަކަށް ފަރުވާދޭން ފަށައިފިއެވެ.
މިއަދު ހެނދުނު ހދ. ނޮޅިވަރަންފަރުގައި ހިނގި މި ހާދިސާގައި އަނިޔާވި ދެމައިންނަށް މިހާރު ހދ. ކުޅުދުއްފުށީ ރީޓަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ އެ ހާދިސާ ހިނގައިފާ ވަނީ މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު ކަމަށެވެ.
އެ ހާދިސާގައި 32 އަހަރުގެ އަންހެނަކަށާއި އޭނާގެ 2 އަހަރުގެ ދަރިފުޅަށް އަނިޔާވެފައި ވާއިރު އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ހެނދުނު 9 ހާ އިރު ހާއިރު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ނަދީމް ވިދާޅުވިއެވެ.
ނަދީމް ވިދާޅުވީ އެ ދެމައިންގެ ހާލު ރަނގަޅު ކަމަށާއި މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ލިބުނު އަނިޔާތަކުގެ ތަފްސީލު އެނގިފައި ނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ އަހަރުގެ ކުއްޖާގެ ބޮލާއި މޫނު ފިހިފައިވާ އިރު މަންމަގެ ފައި ވަނީ ފިހިފައެވެ.
މިއަދު މި ހާދިސާގައި ހިނގާފައި ވާއިރު މި މަހުގެ 20 ވަނަ ދުވަހު ގދ. ރަތަފަންދޫގައި ވެސް ގޭސްފުޅިއެއް ގޮވައި 53 އަހަރުގެ އަންހެނަކު ނިޔާވެފައި ވާއިރު ދާދިފަހުން ސްޓެލްކޯ ޕްލެޓެއްގައި ވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ.