ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން، ހދ. ނޮޅިވަރަމުގެ މެޖިސްޓްރޭޓް އަލީ އަހްމަދު ތަމްރީނު ތަކެއް ފުރިހަމަކުރުމަށް ޖޭއެސްސީން އަންގައިފިއެވެ.

ޖޭއެސްސީން ބުނީ، ނޮޅިވަރަންފަރާއި ނޮޅިވަރަމުގެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމަށް، އެ ކޮމިޝަނުން ތަހުގީގަށް ހޯދައިފައިވާ ލިޔެކިއުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، މި މައްސަލަތައް ތާވަލުކޮށް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަން ވެސް، ކޮމިޝަނުން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން މެޖިސްޓްރޭޓް އަލީ އަހްމަދު ވަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެވަޑައިގަންނަވާފައި ކަމަށް ޖޭއެސްސީން ވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމީ ކަމާބެހޭ ތަމްރީނުތަކެއް ފުރިހަމަކުރުމަށް އަލީ އަށް އެންގުމަށެވެ.

މީގެ ކުރިން ވެސް ޖޭއެސްސީން ވަނީ އެކި ފަހަރު މަތިން ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނާ ގުޅުންހުރި މައްސަލަތައް ތަހްގީގުކޮށްފައެވެ. އެގޮތުން ފަނޑިޔާރުންގެ ފަރާތުން ފާހަގަވާ ސުލޫކީ މައްސަލަތަކަށް ރިއާޔަތްކޮށް ބައެއް ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ނިންމާއިރު، އެހެނިހެން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ވެސް ނިންމާފައިވެއެވެ.