"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް ސާވޭ ކުރަން ބޭނުން ކުރާ ޕްލެޓްފޯމް، ވިލިމާލެ ފަރުން ނެގިފައި ނުވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.
މި މަހުގެ 16 ވަނަ ދުވަހު ފަރުމައްޗަށް އެރި ޕްލެޓްފޯމް ނުނަގާ އޮންނަތާ ހަފްތާއެއް ވެގެން ދިޔައިރު، ޕްލޭނިން މިނިސްޓްރީގައި ވަނީ ކުރިއަށް އޮތް ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމް ނަގާނެ ކަމަށް އެމީހުން ބުނެފައެވެ. އިއްޔެ އަކީ ދެ ދުވަސް ވީ ދުވަހެވެ. ނަމަވެސް އަދިވެސް އެ ޕްލެޓްފޯމް އޮތީ ރާޅާ ތަޅަތަޅައެވެ.
އެކަމާ ގުޅިގެން އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ދެ ދުވަހުގެ ތެރޭ ޕްލެޓްފޯމް ފުން ކުރުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް މޫސުން އެކަމަށް ތަން ނުދިނުމުގެ ސަބަބުން މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ޓީމުން، މޫސުން ވަރަށް ގާތުން ބަލަަމުން އަންނަ ކަމަށާއި މޫސުން ތަންދިންހާ އަވަހަށް މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ. އެފްކޮންސް އިން ބުނީ، ފަރަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް ޕްލެޓްފޯމް ނެގުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިއަދު އިރުއަރައިގެން އައި އިރުވެސް އެ ޕްލެޓްފޯމް ރާޅާ ތަޅަތަޅާ އޮތް އިރު އެ ނަގަން މީހަކު ނުވަތަ ބަޔަކު އުޅޭތަނެއް ނުފެނެއެވެ. "ދަ ޕްރެސް" ގެ ނޫސްވެރިންނަށް ފެނުނީ ޕްލެޓްފޯން ރާޅާ ތަޅާތީ އާއި ޕްލެޓްފޯމް ހިފެހެއްޓުމަށް ބޮޑު ސިންގާ ދެވާ، އެއްގަމުގައި ހުރި ގަހަކަށް ހިފާފައި އޮތް ތަނެވެ. ރާޅާއެކު ބްރިޖަށް ލޮޅުން އަންނަ ކޮންމެ ފަހަރަކު އެ ގަހަށްވެސް އޭގެ އަސަރު ކުރެއެވެ.
'ދަ ޕްރެސް' ގެ ޓީމުން އިތުރަށް ބެލި ބެލުމުން ފާހަގަ ވީ ޕްލެޓްފޯމްގެ ބައެއް ބައިތައް އެ ސަރަހައްދުން ވިލިމާލެ ބީޗަށް ލައްގާފައިވާ ކަމެވެ. އަދި އެ ބައިތައް ލައްގާފައިވާ އިރު އެ ޕްލެޓްފޯމްގެ ބައެއް ބައިތައް އެ ސަރަހައްދު ފަރުގައި ތާށިވެފައި ވެސް ހުއްޓެވެ.