މާލޭގެ ފިހާރައެއްގެ ތެރޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ މާލޭގެ ފިހާރައެއްގެ ތެރޭގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ އިދާރާ އަށް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައަކީ ކުޑަކުދިންނާ ބެހޭ މައްސަލައަކަށް ވާތީ ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގެ ތުހުމަތަށް އުމުރުން 24 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ދަރިވަރަކަށް ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ އެއް ދެއްކި ޓީޗަރަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ސްކޫލްގައި ނުބަހައްޓާނެ ކަމަށެވެ.

ހަމަ އެފަދައިން، ސްކޫލްތަކުގެ މާހައުލުގައި ހިނގާ ކަންކަން ބަލަމުން ދާނެ ކަމަށާއި، އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ސްކޫލް މާހައުލުގެ ތެރެއިން ލިބިގެން ނުދާނެ ގޮތަކަށް ސްކޫލްތަކުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.