ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ޕްރީކުއަލް "ހައުސް އޮފް ޑްރެގަން" ރެކޯޑުތައް މުގުރަން ފަށައިފިއެވެ.
މި ހަފްތާ ބަންދުގައި މި ޝޯގެ ފުރަތަމަ އެޕިސޯޑު އެޗްބީއޯ އިން ވަނީ ދައްކާފައެވެ. އަދި މި އެޕިސޯޑު ވެގެންދިޔައީ އެޗްބީއޯގެ އެންމެ ބޮޑު ޕްރިމިއާއަށް ވެސް މެއެވެ. އެއީ 10 މިލިއަނަށް ވުރެ ގިނަ މީހުން މި އެޕިސޯޑު ބަލާފައިވާތީއެވެ. ޖުމްލަ 10 އެޕިސޯޑުގެ މި ޝޯ އަކީ "ގޭމް އޮފް ތްރޯންސް" ގައި ހިނގާދިޔަ ހާދިސާތަކަށް ވުރެ 200 އަހަރު ކުރިން ހިނގި މުހިއްމު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޝޯއެކެވެ.
މި ޕްރިކުއަލް އަކީ ޖޯޖް އާރްއާރް މާޓިންގެ ޚިޔާލީ ވާހަކަ "ފަޔާރ އެންޑް ބްލަޑް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. "ހައުސް އޮފް ޑްރެގަން" އިން ފެނިގެންދާނީ "ހައުސް އޮފް ޓާގޭރިއަން" ގެ ތެރޭގައި ތަޚުތުގެ ދަހިވެތިކަމުގައި ފަށާ ބޮޑު ސިޔާސީ ހަނގުރާމައެކެވެ. މިލީ އެލްކޮކް، މެޓް ސްމިތު، އޮލިވިއާ ކުކް އަދި އެމާ ޑާސީ ލީޑު ރޯލުން ފެނިގެންދާ މި ސީރީޒް އަކީ ވަރަށް ރީތި ސީރީޒެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. މި ޝޯގެ ދެވަނަ އެޕިސޯޑު އެޗްބީއޯ އިން ދައްކާނީ 28 އޮގަސްޓް ގައެވެ. އަދި ތިން ވަނަ އެޕިސޯޑު ދައްކާނީ ތިނެއް ސެޕްޓެމްބަރު ގައެވެ.
މި ސީރީޒް ދައްކަން އުޅޭކަން އިއުލާންކުރުމުން ގޭމް އޮފް ތްރޯންސް ގެ ފޭނުންނަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ. 2019 ވަނަ އަހަރު ގޭމް އޮފް ތްރޯންސްގެ ފަހު އެޕިސޯޑު ދެއްކި އިރު ފިނާލޭ އެޕިސޯޑަށް ވަނީ 19.9 މިލިއަން ވިއުސް ލިބިފައެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް ގެނެސްދިނީ 2011 ވަނަ އަހަރުގައެވެ.