ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ށ. ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އާ ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގައި 1.69 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތާއި، މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމްކުރުމެވެ. މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑު އާއި މަތިކޮމަންޑޫ ހިއްކާ ސަރަހައްދު ގުޅާލުން ހިމެނެއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ. މި މަޝްރޫއު އިއުލާނު ކުރި އިރު، ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމާޏާފައިވާ މަޝްރޫއުތަކުގައި މި މަޝްރޫއު ހިމަނާފައި ނުވާތީ މި މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އަދި މި މައްސަލަ އޭސީސީން އަންނަނީ ދިރާސާ ކުރަމުންނެވެ.