ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމް ކޮށް، ޓެކްސީގެ ގަވައިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އިއްޔެ ގެޒެޓްކުރި ގަވައިދުގައި ބުނަގޮތުން ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަން ޖެހޭނެއެވެ.

މީގެ އިތުރުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހޭ ކަމަށް އެގަވައިދުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ. އެއާކަންޑިޝަން ކޮށްފައި ހުއްޓާ ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ދަތުރުކުރާ ފަރާތްތަކަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

އާ ގަވައިދަށް މިހާރު ވަނީ "ޕްރައިވެޓް ހަޔަ" ގެ ހިދުމަތް ދިނުމާ ބެހޭ ބައެއް ވެސް ވަނީ އިތުރުކޮށްފައެވެ.

މި ގަވައިދަކީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.