ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި އެއްވެސް ފަރާތަކަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ނެރުނު ފަދަ ނަތީޖާ އެއް ނުނެރެވޭ ކަމަށާއި، އެ މުއްދަތުގައި އެތައް ފިޔަވަޅެއް ފަހަތަށް އެޅިފައިވާ ކަމަށް ބުނެ، އެމަނިކުފާނުގެ ޕާޓީ އެމްއާރުއެމުން ރައްދު ދީފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެދުނީ އޭރުގެ ސަރުކާރުގައި "އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން"، އެ "އަނިޔާވެރިކަން" ނައްތާލަން ބޭނުންވެގެން ކަމަށެވެ.
ރައީސްގެ ވާހަކަތަކާއި ބައެއް އެހެނިހެން ސިޔާސީވެރިންގެ ވާހަކަތަކަށް ރައްދު ދީ ރޭ ނެރުނު ބަޔާނެއްގައި އެމްއާރުއެމުން ބުނީ، ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރަކީ ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއް ކަމަށާއި، އެއީ ރާއްޖެ ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، ރައްޔިތުންނަށް ގިނަ ދާއިރާތަކުން މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ފާހަގަކުރި ކަންކަމަކީ:
- ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރަށް އެންމެ ބޮޑު ބާރެއް ލިބުނީ މައުމޫންގެ ސަރުކާރުން ގާނޫނުއަސާސީ އަލުން އެކުލަވާލަން ނިންމައި، އިއުލާންކުރި އިސްލާހީ މަގުޗާޓްގެ ސަބަބުން
- އެ މަސައްކަތުގެ ތެރެއިން ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި، ތިން ބާރު ވަކިކޮށް، އާ ގާނޫނުއަސާސީ 2008 ގައި ތަސްދީގު ކުރެވުނު
"ފެހި ގާނޫނުއަސާސީ އަށް 14 އަހަރު ފުރި، އެ ގާނޫނުއަސާސީގެ ދަށުން ރައީސް މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރަޓިކް އިންތިހާބެއް ބޭއްވިތާ 14 އަހަރު ފުރެން ދާއިރު، މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ، ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދެއްވި އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައި ނުވާކަމެވެ."
އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި، އިންސާނީ ހައްގުތަކުގެ ހާލަތާއި، ކޮރަޕްޝަން ހުއްޓުވުން ފަދަ ކަންކަމަށް ކުރިއެރުން އައިސްފައި ނުވާ ކަން ރައްޔިތުން ފާހަގަކުރާ ކަމަށާއި، މުޖުތަމައުގެ ރައްކާތެރިކަމާއި ދީނީ އެއްބައިވަންތަކަން ފަދަ ދާއިރާތަކުން މީގެ 14 އަހަރު ކުރިޔާ އަޅާ ބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް ޖެހިފައިވާ ކަމަށް ރައްޔިތުން ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ.
ބަޔާނުގައި އެމްއާރުއެމުން ވަނީ ރާއްޖޭގެ ސިޔާސީ ތާރީހު އޮޅުވާނުލުމަށާއި، ފިތުނަ އުފެއްދުމާއި އަބުރު ކަތިލުން ފަދަ މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ކަންކަން ކޮށްގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ވަރަށް ވެސް ބޮޑު ތެދެއްތީ 30 ކޮށްލެވުނު ވަރެއް އެއްމެ 14 އަހަރަކުން ކޮށެއް ނުލެވޭނެ ކަން ޔަގީން.