"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ގާއިމްކުރާ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލޭގެ ފަރަށް ކޮންމެ ދުވަހަކު ލިބެމުންދާ ގެންލުން ކުޑަ ކުރުމައްޓަކައި ފަރަށް އެރި ޕްލެޓްފޯމު އެތަނުން ނެގުމަށް ކުރަންޖެހޭ އެންމަހާ ކަންތައްތައް ކޮށްގެން އަވަސް ހައްލެއް ހޯދައި ދިނުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އެގޮތުން ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރި ސަރަހައްދަށް 'ދަ ޕްރެސް' ގެ ޓީމުން ގޮސް ބެލި ބެލުމުން ޕްލެޓްފޯމްގެ ބައެއް ބައިތައް އެ ސަރަހައްދުން ވިލިމާލެ ބީޗް ސަރަހައްދަށް ލައްގާފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. ބެލެވޭ ގޮތުގައި އެއީ އެ ޕްލެޓްފޯމްގެ ބައެއް ބައިތަކެވެ. އަދި އެ ބައިތައް ލައްގާފައިވާ އިރު އެ ޕްލެޓްފޯމްގެ ބައެއް ބައިތައް އެ ސަރަހައްދު ފަރުގައި ތާށިވެފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.
މި މަހުގެ 16 ވަނަ ދުވަހު އެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި ވަނީ ފަރުމައްޗަށް ޕްލެޓްފޯމް އެރި ވަގުތު ރާޅު ޖެހުމުގެ ސަބަބުން ޕްލެޓްފޯމް އަރިއަޅާލައިގެންނެވެ. އެ ހާދިސާ ހިނގި ވަގުތު ޕްލެޓްފޯމްގެ މަތީގައި ތިބި ތިން މީހަކަށް އަނިޔާވެގެން ވަނީ ފަރުވާ ދީފައެވެ. ނަމަވެސް މި ހާދިސާ ހިނގި ތާ މިއަދާ ހަމައަށް ހަފްތާއެއް ވެފައިވާ އިރު އަދިވެސް އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.
އެ ޕްލެްފޯމް އެރުމާ އެކު ޕްލެޓްފޯމް ނެގުމަށް މަސައްކަތް ކުރަން ފެށުނު ކަމަށް މި މަޝްރޫއާ ހަވާލުވެ އޮތް އިދާރާ، ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ޓޯވް ކުރަން ބެލި ނަމަވެސް އެ ޕްލެޓްފޯމް އެތަނުން ނަގައިފި ނަމަ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެ ޕްލެޓްފޯމަކީ ހަތަރު ނަގިލި (ފައި) ގެ އެހީގައި އަލާފައި އޮތް ފްލެޓްފޯމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޕްލެޓްފޯމް ފަރަށް އެރި ހާދިސާގައި އެއިން އެއް ފައި ވަނީ ފަރުތެރެއަށް ވަދެ ތާށިވެފައި ކަމަށާއި އަދި ޓޯވް ކޮށްގެން ނަގާނަމަ ފަރަށް ގެއްލުން ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މިހާރު މަސައްކަތް ކުރަމުން ދަނީ ފަރުތެރޭ ތާށިވެފައިވާ ފައި ފަރަށް ގެއްލުން ނުވާނެ ގޮތަކަށް ވަކިކުރުމަށެވެ. އެ މަސައްކަތް ނިންމާލެވި ފަރުމަތިން ޕްލެޓްފޯމް ދެ ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނެގޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ މަސައްކަތް ނިމުމާ އެކު އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް މަސައްކަތް ފަށާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
ޕްލެޓްފޯމް ފަރަށް އެރިތާ 7 ދުވަސް ވެފައިވާ އިރު ރާޅާ ޖަހަމުން އެ ޕްލެޓްފޯމް އޮތް ސަރަހައްދު ދޫކޮށް ވިލިމާލެއާ ގާތަށް ޖެހެމުން ދާ ކަން ވަނީ ފާޙަގަ ކުރެވިފައެވެ. އަދި އެ ޕްލެޓްފޯމް ރާޅާ އެކީ ފަރުމަތީ ކޭތޭ އަޑު އިވެމުންދާ ކަން ވެސް ފާހަގަ ކުރެވެއެވެ.
ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނުހަނު ނޭދެވޭ އަސަރު ފޯރަމުންދާ ފަރެއް ކަމަށް މީގެ ކުރިން ވެސް ވަނީ ފާހަގަ ވެފައެވެ.
ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.
އީޕީއޭ އޮތީ ކަސްތަޅު އަލުވައިގެން ޕެރެލައިސްވެފަ. އިންޑިޔާ އިން ބުނަނީ ފަރުގައި އަދި ޕުލެޓް ފޯމްގައި ހުންނާނީ ބޯކޮށް އިސްޕަންޖު ޖަހާފަކަމަށް. އެހެންވެ ފަރަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް.