ޕްލެޓްފޯމް ނުނެގި ލަސްވަނީ ފަރަށް ލިބިދާނެ ގެއްލުން ކުޑަވާނެ ގޮތަކަށް ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށާއި ފަރުގައި އޭގެ ފައެއް ނުވަތަ އެންކަރެއް (ނަގިއްޔެއް) ތާށިވެފައި ހުރުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައާ ގުޅިގެން މިއަދު ޕްލޭނިން މިނިސްޓްރީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ބުނީ، އެންމެ ބޮޑު އިސްކަމެއް ދެނީ ފަރަށް ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. ޕްލެޓްފޯމް ފަރަށް އެރުމާ އެކު އެ ޕްލެޓްފޯމް ފަރުމަތިން ނަގަން މަސައްކަތް ކުރި ކަމަށާއި ޓޯވް ކޮށްގެން ޕްލެޓްފޯމް ނަގަން މަސައްކަތް ކުރި އިރު، އޭގެ އެއް އެންކަރް (ނަގިލި) ވަނީ ފަރުތެރޭގައި ތާށިވެފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ޕްލެޓްފޯމް މަސައްކަތް ކުރަމުން ދާ އިރު ހަތަރު އެންކަރެއް ޖަހާފައި ހުންނާނެ ކަމަށާއި އޭގެތެރެއިން އެއް އެންކަރު ފަރުތެރޭ ތާށިވެފައި ހުއްޓާ އެ ޕްލެޓްފޯމް ޓޯވް ކޮށްފި ނަމަ ފަރަށް އިތުރު ގެއްލުން ތަކެއް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން ދަނީ ފަރުތެރޭ ތާށިވެފައިވާ އެންކަރު ވަކި ކުރުމުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މި ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ އިރު މިފަދަ ބޮޑެތި ހާދިސާތަކަކީ ދިމާވެދާނެ ކަންކަން ކަމަށާއި ކުރިއަށް އޮތްތަނުގައި މި ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ބަލައިގެން މަސައްކަތް ކުރާނެ ކަމަށް ކޮންޓްރެކްޓާ ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ ޕްލެޓްފޯމް ނެގުމާ އެކު އީޕީއޭއިން ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް އެސެސްމަންޓްތައް ހަދާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ގާއިމްކުރާ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމް ރާޅާ ޖަހައި މީގެ 7 ދުވަސް ކުރިން ފަރަށް ވަނީ އަރާފައެވެ. ހަފްތާއެއް ވެގެން ދިޔަ އިރު ވެސް އެ ޕްލެޓްފޯމް އެ ފަރުމަތިން ނުނަގާ އެ މަސައްކަތް ލަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެއްވެސް އިދާރާއަކުން މި ކަމާ ގުޅިގެން އެދެވޭ ސްޕީޑެއްގައި މަސައްކަތް ނުކުރާ ކަން ފާހަގަ ކޮށް ވިލިމާލޭގެ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.