ތިލަ މާލެ ބްރިޖެ ގެ މަސައްކަތް ކުރުމަށް ވިލިމާލެއާއި މާލޭއާ ދެމެދު އަޅާފައިވާ ޕްލެޓްފޯމްތަކުގެ ތެރެއިން ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާ އިރު، އެ މަޝްރޫއުގެ ކަންތައްތަކާ ހަވާލުވެގެން ހުރި އިދާރާއާއި ކުންފުނިން އެ ޕްލެޓްފޯމް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނަގާނެ ކަމަށް ބުނެފިއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ގާއިމްކުރާ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމް ރާޅާ ޖަހައި މީގެ 7 ދިވަސް ކުރިން ފަރަށް ވަނީ ފަރަށް އަރާފައެވެ. ހަފްތާއެއް ވެގެން ދިޔަ އިރު ވެސް އެ ޕްލެޓްފޯމް އެ ފަރުމަތިން ނުނަގާ އެ މަސައްކަތް ލަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެއްވެސް އިދާރާއަކުން މި ކަމާ ގުޅިގެން އެދެވޭ ސްޕީޑެއްގައި މަސައްކަތް ނުކުރާ ކަން ފާހަގަ ކޮށް ވިލިމާލޭގެ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން މިއަދު ވަނީ ޕްލޭނިން މިނިސްޓްރީ އާއި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކާފައި ވަނީ ވިލިމާލެ ފަރަށް އަރާފައިވާ ޕްލެޓްފޯމްގެ މައްސަލައާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ކުރި މަޝްރާތަކަށް ފަހު ކުރިއަށް އޮތް ދެ ދުވަސްތެރޭ އެ ޕްލެޓްފޯމް ވިލިމާލެ ފަރުމަތިން ނަގާނެ ކަމަށް އެފްކޮންސް އިން ބުނެފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އަދި އެ ޕްލެޓްފޯމް އެތަނުން ނެގުމުން އީޕީއޭ އިން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް މަސައްކަތް ފަށާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.