މާލޭގެ ހަދަމުން ދިޔަ ގެއެއްގައި ކޯރާޑިން ޖަހައިގެން ޒަހަމް ވި ބިދޭސީ މީހާ އަކީ އެ ގެއަށް ވައްކަން ކުރަން ވަން މީހާކު ހުއްޓުވަން އުޅުނު ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ.
މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ކޯރާޑިން ޖަހައި ޒަހަމްވެފައި ވަނީ ގެއަކަށް ވައްކަން ކުރަން ވަން ބިދޭސީއެއް ކަމަށެވެ. ނަމަވެސް ފަހުން ފުލުހުން ބުނީ، މިހާރު މައްސަލަ ބަލައި ތަހުގީގު ކުރަމުން ދާ އިރު، މި މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތަކީ ބިދޭސީ އެއް ކަމަށާއި އޭނާ އަކީ އެ ގެއަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހިފަހައްޓަން އުޅުނު މީހެއް ކަމަށެވެ.
ގެއަށް ވަން ވަގު ހިފަހައްޓަން އުޅުނު ތެރޭގައި ވަގު ކަލޭގެ ބިދޭސީއަށް ކޯރާޑިން ހަމަލާ ދިނީއެވެ. މިހާރު އެ ބިދޭސީ މީހާ އަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
އެމީހާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ވެސް ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އަދިވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.