މަޖިލިހުގެ މެންބަރުން އެއްވަރެއްގައި ހިފެހެއްޓުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންގެ އަދަދު ވަކި މިނެއްގައި ހިފެހެއްޓުމަށް، ގާސިމް ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. ގާސިމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާނީ ޖުމްލަ 87 މެންބަރުންނެވެ.

އެއިސްލާހާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމްގެ އެ ހުށަހެޅުއްވި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށާއި މަޖިލިސް އެކުލެވިގެންވާ ގޮތާއި އަދި މަޖިލިސްގެ ދައުރާ ބެހޭ ގޮތުން ވިސްނުން ވަރަށް ބޭނުންތެރި ކަމަށެވެ.

އެ އިސްލާހު ހުށަހަޅުއްވާ ސަބަބު ބަޔާންކުރައްވައި ގާސިމް ވިދާޅުވީ، އާ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލިހަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި މިހާތަނަށް ބޭއްވުނު ކޮންމެ އިންތިހާބެއްގައި ވެސް މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުންގެ އަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާ ނަމަ، އެކަމުގެ ސަބަބުން ރާއްޖެ އަށް އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ދަތިތަކާ ކުރިމަތިވާނެއެވެ.

އެހެންކަމުން، މަޖިލިހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅައި ގާނޫނުއަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީވެ، ކޮންމެ އިންތިހާބެއްގައި ވެސް 87 މެންބަރުން އިންތިހާބުކުރުމަށް ހުށަހަޅަން ނިންމެވީ ކަމަށް ގާސިމް ވިދާޅުވިއެވެ

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ކުރިން 2014 ވަނަ އަހަރު 85 މެންބަރުން އިންތިހާބުކުރިއެވެ. 2009 ވަނަ އަހަރު 17 ވަނަ މަޖިލިހަށް އިންތިހާބުކުރީ 77 މެންބަރުންނެވެ.