"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ގާއިމްކުރާ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލޭގެ ފަރަށް ކޮންމެ ދުވަހަކު ވަމުންދާ ގެންލުން ކުޑަ ކުރުމައްޓަކައި ފަރަށް އެރި ޕްލެޓްފޯމު އެތަނުން ނެގުމަށް ކުރަންޖެހޭ އެންމަހާ ކަންތައްތައް ކޮށްގެން އަވަސް ހައްލެއް ހޯދައި ދިނުމަށް ސޭވް ދަ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ސޭވް ދަ މޯލްޑިވްސް އިން ބުނީ، ވިލިމާލޭގެ އިރުމަތީ ފަރަށް "ތިލަމާލެ ބްރިޖް" ކޮންޓްރެކްޓަރުން ގެންގުޅުނު ޕްލެޓްފޯމެއް އެރިތާ މިހާރު ހަފްތާއެއް ވެފައިވާ ކަމަށާއި ކޮންމެ ރާޅަކާ އެކީ އެ ބިޔަ ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއި އެއިން އަރާ ލޮޅުމުގެ އަސަރު ރަށުތެރެއިން ވެސް އިހްސާސް ކުރެވޭ ކަމަށެވެ. ކެނޑިނޭޅި އެވަރުގެ ގެއްލުމެއް ފަރަށް ލިބުން އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށާއި އެއީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމެއްް ކަމަށް ސޭވް ދަ މޯލްޑިވްސް އިން ބުނެއެވެ.

މިއަދުގެ މިވަގުތާ ހަމައަށް އެ ޕްލެޓްފޯމް އެތަނުން ފުންކޮށް ނެގުމުގެ މަސައްކަތް ވަނީ ކާމިޔާބު ނުވެފައި ކަމަށާއި އެ ޕްލެޓްފޯމް އެތަނުން ނެގުމަށްޓަކައި އެކަށީގެންވާ ވަރުގެ މަސައްކަތް ކުރެވޭ ތަން ނުފެންނަ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. އަދި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި މިނިސްޓްރީތަކުން މިހާރު މިކަމާ އުޅޭ ވަރަށް ވުރެ ބޮޑަށް މިކަމާ އުޅުމަށާއި މިކަން ވާނޭ ގޮތެއް ހޯދުން ވަރަށް މުހިންމު ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. މި ފަދަ ހާދިސާ އެއް ހިނގައިގެން ޖޫރިމަނާއެއް ކުރުމަށް ވުރެ ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް އަހައްމިއްޔަތުކަން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

ރާއްޖޭގައި މިކަހަލަ މަސައްކަތް ކޮށް އުޅޭ އެކަމަށް ގާބިލު ތަޖުރިބާ ހުރި މީހުން ތިބި ކަމުގައި ގަބޫލު ކުރާ ކަމަށާއި މިވަރުގެ ޕްރޮޖެކްޓު ހިންގާ ނަމަ އެވަރުގެ މަސައްކަތް ކުރެވޭނޭ ސާމާނާ ތަކެތި ހުންނަންވާނެ ކަމުގައި ވެސް ސޭވް ދަ މޯލްޑިވްސް އިން ބުނެއެވެ. ވީމާ، އެޕްލެޓްފޯމު ވީހާވެސް އަވަހަށް އެތަނުން ދުރުކޮށް އަދި އެކަން ކުރެވޭ ހިސާބުން އޭގެ ގެއްލުމުގެ އެސެސްމަންޓެއް ރަނގަޅަށް ހަދައި ރައްޔިތުންނާ އެ ހޯދުންތައް ހިއްސާ ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މި މަހުގެ 16 ވަނަ ދުވަހު މި ހާދިސާ ހިނގަން މެދުމެރިވި ކަމަށް ބެލެވެނީ ފަރުމައްޗަށް ޕްލެޓްފޯމް އެރި ވަގުތު ރާޅު ޖެހުމުގެ ސަބަބުން ޕްލެޓްފޯމް އަރިއަޅާލައިގެންނެވެ. ޕްލެޓްފޯމް އަރިއަޅާލާފައި އޮތް އިރު ރާޅު ހުރިކަން ފޮޓޯތަކުން ފެނުމުގެ އިތުރުން، އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން ތިން މީހަކު މޫދަށް ވެއްޓި ވަނީ އަނިޔާވެފައެވެ. އަނިޔާވި ތިން މީހުނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވިލިމާލެ ފަރަށް ގެއްލުންވެފައި ވޭތޯ ބަލަމުން ދާ ކަމަށް، އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން އެއްވެސް އިދާރާއަކުން އަވަސް ހައްލެއް ހޯދައި ދިނުމަށް އިދާރާތަކުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އެ މަސައްކަތް ލަސްވަމުން އަންނާތީ، މަޖިލީހަށް ވެސް ވަނީ ކުއްލި މައްސަލައެއް ވެސް ވައްދާފައެވެ.