ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު މައްސަލަ އަނބުރާ ގެންދިއުމަކީ ވަރަށް ދެކެން ބޭނުންވި މައްޒަރެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެ ގަރާރު އަނބުރާ ގެންދިއުމަކީ ވަރަށް ދެކެން ބޭނުންވި މަންޒަރެއް ކަމަށާއި ކޮންގްރެސް އެގޮތައް ނިންމާލެވުމަކީ ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރަން ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

އެމްޑީޕީ އަކީ ތަސައްރަފް ފުދިފައިވާ ޕާޓީއެއްކަން މިއަދު ސާބިތުކޮށްދީފައިވާ ކަމަށާއި ކޮންގްރެސް ނިމިގެންދިޔަ ގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށާއި އެމްޑީޕީ އަކީ ވަރުގަދަ އަދި ބޮޑު ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައިވާ ދެބަސްވުންތައް އެއްގޮތް ކުރުވާ، އެއްގޮތަކަށް ކުރިއަށް ދިޔުމަށްޓަކާ ކުރަން ޖެހުނު ހުރިހާ ކަމެއްގައި އަޅުގަނޑުގެ އެއްވެސް ހުރަހެއް ނެތި އެ މަސައްކަތް ކުރާނަން. އެ ކަންކަމުގައި ކާމިޔާބު ލިބޭނެ ކަމާމެދު ޝައްކެއް ނެތް."
ފައްޔާޒު

އެމްޑީޕީގެ ތެރޭގައި އަދިވެސް ހިޔާލުތަފާތުވުން ވަރަށް ބޮޑަށް އޮންނަކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަތީޖާ ހޯދޭކަން އަބަދުވެސް ދައްކަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ އަމަލުތައް ހުންނާނީ އެގޮތަށް ކަމަށެވެ.

އޭގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭނާގެ ޗެއާޕާސަންކަމުގައި ޕާޓީއަށް ކާމިޔާބު ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ފަސްނުޖެހި ހުންނާނެ ކަމަށެވެ.