ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު މައްސަލަ އެޖެންޑާއިން ނަގައިފިއެވެ.
ސޯޝަލް ސެންޓރުގައި ކުރިއަށް ގެންދިޔަ އެމްޑީޕީ ކޮންގްރެސްއަށް ބަރުލަމާނީ ނިޒާމް ގެންނަވަން ރައީސް ނަޝީދު ހުށަހެއްޅުއްވި ގަރާރަށް ބަހުސް ނުކޮށް އެޖެންޑާ އިން ނެގީ ގަރާރަށް އިތުރަށް މަޝްވަރާކުރުމަށް ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު މަޝްވަރާ ކުރެވި އެއްބަސްވެވުންނެވެ.
ކޮންގްރެސްގެ ބައިވެރިންނާ މުހާތަބް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ގަރާރު މިވަގުތަށް މަޑުޖައްސާލައްވާ ކަމަށެވެ.
ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވާފައި މިވަނީ އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި ބަރުލަމާނީ ގަރާރުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ތި ހުރިހާ ބޭފުޅުންނާ އެކުގައި މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް، އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ސޯލިހު ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ވެސް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް މިއަދާ ހިސާބަށް ވެސް ނަޝީދު ހުންނެވީ އެ ގަރާރު އަނބުރާ ގެންދަވާ ގޮތަކަށް ނޫނެވެ.
ކޮންގްރެސްގައި ދެ ރައީސުން ގިނައިރުތަކެއް ވާންދެން މަޝްވަރާތަކެއް ކުރެއްވި އިރު ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއެކު ވެސް މަޝްވަރާތައް ވަނީ ކުރައްވާފައެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އެކަމާ ގިނަ ބަޔަކު އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަދާލާތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.