ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ހޮވޭ ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެތް ނަމަވެސް، އެ ކެންޑިޑޭޓާ އެކު ޕާޓީ އޮންނާނެ ކަމަށް، އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު މިހެން ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި އިއްޔެ އޮތް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ކަން ވެސް އޭރު ކުރެއްވި ނަޝީދު، އެމަނިކުފާނުގެ ގަރާރަށް ތާއީދު ނުލިބިއްޖެ ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ޕާޓީ އާ އެކު ނުނުކުންނަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ބައެއް މީޑިއާއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ޕާޓީން ނިންމާ ނިންމުންތަކަށް ކޮންމެ މެންބަރަކު ވެސް އިހްތިރާމު ކުރަން ވާނެއެވެ.
ހަމަ އެއާއެކު، ކޮންމެ ކަމެއްގައި ވެސް ނުގަބޫލުވާ ބަޔަކު ތިބޭނެ ކަމަށާއި، އެއީ ކަންތައްތައް އޮންނަ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެން ވިޔަސް، އަޅުގަނޑުމެން މަސައްކަތް ކުރަން ވާނީ އެ ހޮވޭ ކެންޑިޑޭޓެއްގެ ފަހަތުގައި،"
ކުރިއަށް އޮތް އިންތިހާބާ ޖެހެންދެން ސަރުކާރު ކޯލިޝަން ދެމި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ކޯލިޝަންގައި އޮތް ޕާޓީއަކުން ވެސް އިންތިހާބުގައި ވާދަކޮށްފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއަކީއެއް އަޅުގަނޑު ނުދެކެން ކޯލިޝަން ބްރޭކްވެގެން ދިޔައީ ކަމަކަށް,"
ކޮންގްރެސް ފެށުމުގެ ކުރިން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެއްޖެ ނަމަ، އެ ޕާޓީ އަށް 112،000 ވޯޓު ލިބޭނެއެވެ. ނަމަވެސް ވެރިކަމުގެ ނިޒާމް ބަދަލުނުކޮށްފި ނަމަ އެ ޕާޓީގެ 42 ޕަސެންޓް މެންބަރުން ސަރުކާރާ އެއްކޮޅަށް ވޯޓު ނުދެއްވާނެ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.
އެހެންކަމުން، ނަޝީދު ވިދާޅުވި ގޮތުން ނަމަ މިއަދުގެ ސަރުކާރަށް ވޯޓު ލާނީ ވޯޓުލާ މީހުންގެ ނިސްބަތުގެ ޖުމްލަ 27 ޕަސެންޓު މީހުންނެވެ.