މާލޭގައި ރަސްމީ ދަތުރުތައް ފެށުމުގެ ކުރިން، މިނީ ބަހުގައި ޓެސްޓް ދަތުރެއް ކޮށްފިއެވެ.

މިނީ ބަހުގެ ޓެސްޓް ދަތުރުގައި ބައިވެރިކޮށްފައި ވަނީ އެމްޓީސީސީގެ ހިއްސާދާރުންނެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނީގެ ހިއްސާދާރުން ބައިވެރިކޮށްގެން ކުރި ޓެސްޓް ދަތުރުގެ މަގްސަދަކީ މިނީ ބަހުގެ ހިދުމަތް ފެށުމުގެ ކުރިން ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އަދި ޓެސްޓް ދަތުރު ކުރިއަށް ދިޔަ ވަގުތު ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން ދިން އެހީތެރިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށްޓަކައި އެމްޓީސީސީން ވަނީ 18 ބަހެއް ގެނެސްފައެވެ. މާލެ އާއި އަތޮޅުތެރޭގެ ބޮޑެތި ރަށްރަށުގައި މިނީ ބަސް ދުއްވަން ގެނައި 18 ނުވަތަ 20 މީހުންގެ ޖާގައިގެ އެ ބަސްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޖެޓުން 22.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމުގެ ކުރިން އިއްޔެ ޓެސްޓް ދަތުރު ބާއްވާފައި ވާއިރު، އެމްޓީސީސީން ބުނި ގޮތުގައި، މަގުތަކުގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މާލޭގައި މިނީ ބަހުގެ ހިދުމަތް ދެވެން ފެށޭވަރު ވާނެއެވެ. ނަމަވެސް ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފައެވެ.