ފެނަކައިގެ މުވައްޒަފަކަށް ވަކި ކަމަކަށް ވޯޓު ދޭން، ނުވަތަ ނުދޭން އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ސިޔާސީ އޮއިވަރުގައި ނަޝީދާ ވާހަކަ ދައްކައިގެން ފެނަކައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅެއްގައި އެ ކުންފުނި މިސާލެެއްގެ ގޮތުގައި ނެންގެވުމާ ގުޅިގެންނެވެ.

ނަޝީދު ވަނީކޮންމެ ތަނެއްގައި ވަޒީފާ އަދާކުރި ނަމަވެސް އެމްޑީޕީގެ މެންބަރުން ކަމުގައި ބަލައިގަންނަވާ ކަމަށާއި ކޮންގްރެސްގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ ސަބަބުން ވަޒީފާ ގެއްލި ދިއުމުގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ.

މިސާލަކަށް ފެނަކައިގެ ސީއީއޯ ސައީދު ވިދާޅުވެދާނެ އަޅުގަނޑާ ވާހަކަދައްކައިފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ. އެކަމަކު އެހެންނެށް ނުވާނެ. އަޅުގަނޑުމެން ވެސް މި ތިބީ މި ޕާޓީގައި ދެމިތިބެން. އަޅުގަނޑުމެން ވެސް މި ތިބީ މި ރާއްޖޭގެ މަސްލަހަތު ހޯދައިދޭން،
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު

އެކަމާ ގުޅިގެން ސައީދު ވިދާޅުވީ އެއްވެސް މުވައްޒަފަކަށް ވަކި ސިޔާސީ ބޭފުޅަކާއި ވާހަކަ ނުދެއްކުމަށް ނުވަތަ ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަވާފައި ނުވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ވެރިކަމެއް އައީ އެފަދަ ކަންކަން ނުކުރަން. ފެނަކައިގެ އެއްވެސް މުވައްޒަފަކަށް އެފަދަ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ،
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު

މީގެ އިތުރުން އެމްޑީޕީ އަކީ އެފަދަ ކަންކަން ބަދަލުކުރަން އައި ޕާޓީއެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު ފެނަކައިގެ ވާހަކަ ދެއްކެވީ އޭނާ އަށް ކުރައްވާ އިތުބާރެއްގެ ބޮޑު ކަމުން ކަމަށެވެ.