މުޅި ދުނިޔެއިން ވެސް އެންމެ ނިޔަފަތި ދިގު މީހާގެ ރެކޯޑު އެމެރިކާ އަށް އުފަން ޑަޔާނާ އާމްސްޓްރޮންގަށް ލިބިއްޖެއެވެ.

ޑަޔާނާގެ އަތުގެ ހުރިހާ އިނގިލަތެކެއްގެ ނިޔަފަތި ގުޅުވާލުމުން ދިގުމިނުގައި 42 ފޫޓާއި 10.4 އިންޗް ހުރެ އެވެ. ޑަޔާނާ ބުނީ އޭނާ އަކީ ދުނިޔެއިން އެންމެ ނިޔަފަތި ދިގު މީހާ އަށް ވުމުން ހައިރާންވި ކަމަށެވެ.

"ހަގީގަތުގައި ވެސް އަހަރެން ހުރީ ޝޮކެއްގައި. އަހަރެން ހިތަކަށް ނާރާ އަހަރެންގެ ނިޔަފަތިތައް އެހާ ދިގު ކަމަކަށް،" ޑަޔާނާ ވަނީ ބުނެފައެވެ.

މީގެ 25 އަހަރު ކުރިން އަސްތަމާ އެޓޭކެއް ޖެހި އޭނާގެ އަންހެން ދަރިފުޅު މަރުވުމާ ގުޅިގެން ނިޔަފަތި ދިގު ކުރަން ފެށި ޑަޔާނާ ބުނީ އެއް ވެސް މީހަކު އޭނާގެ ނިޔަފަތި ތަކާ ބެހެންޏާ އޭނާ ވަރަށް ރުޅި އަންނަ ކަމަށެވެ. އަދި ނިޔަފަތި ކަނޑަން ބުނި ކަމުގައި ވީނަމަވެސް ނިޔަފަތި ނުކަނޑާނެ ކަމަށެވެ. ސަބަބަކީ އޭނާ ނިޔަފަތި ދިގުކުރަނީ އޭނާގެ ދަރިފުޅުގެ ހަނދާނުގައި ކަމަށް ވާތީއެވެ.

ޑަޔާނާ ބުނީ އޭނާގެ ނިޔަފަތިތަކުގައި ކުލަ ޖެއްސުމަށް 24 ފުޅި ނެއިލް ޕޮލިޝް ބޭނުންވާ ކަމަށާއި ކުލަޖައްސަށް މަދުވެގެން ފަސްގަޑިއިރު ހޭދަވާ ކަމަށެވެ. އަދި އޭނާގެ ނިޔަފަތި ތަކުގައި ކުލަޖައްސައިދެނީ މާމަ ދަރިން ކަމަށްވެސް އޭނާ ބުނެއެވެ.

"ބައެއް މީހުން ބުނާނެ ހާދަ ރީއްޗޭ. އަނެއް ބައި މީހުން ތިބޭނެ މޫނަށް ވައްތަރު ޖައްސައިގެން. އެހެންވެ އަހަރެން އެހާ ގިނައިން ބޭރަކަށް ނުނިކުންނަން،" ޑަޔާނާ ބުނީ އޭނާގެ ނިޔަފަތިތަކަކީ އަބަދުވެސް ދިގު ނިޔަފަތިތަކެއް ކަމަށެވެ.

ދަރިފުޅު މަރުވިފަހުން ނިޔަފަތި ކަނޑަން އުޅޭ އިރަށް ހަށިގަނޑުން ހީބިހި ނަގާކަމަށާއި އެހެންވެ އެކަން ތަކުރާރުނުކުރުމަށް ނިޔަފަތިތައް ބެހެއްޓީ ކަމަށް ޑަޔާނާ ވަނީ ބުނެއެވެ. ނިޔަފަތިތަކުގެ ސަބަބުން ދަރިފުޅު ކައިރީގައި ހުންނަކަމުގެ އިހުސާސްވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.