ބާ އިމްތިހާނުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކަައުންސިލުން ބުނީ، މި އިމްތިހާނުގެ ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކަމަށެވެ.

އިމްތިހާނުގެ ފީ އަކީ 6،500 ރުފިޔާ ކަމަށާއި ފީ ދެއްކުމަށްފަހު އަނބުރާ ފައިސާ ނުލިބޭ ކަމަށް އެކައުންސިލުން ބުނެއެވެ.

ބާ އިމްތިހާނު މީގެ ކުރިން ބާއްވަން ނިންމާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް ބާ އިމްތިހާނު މިހާޜު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ބާ އިމްތިހާނު ފަސްކޮށްފައި މިވަނީ އިމްތިހާނު ފީ އާ ގުޅިގެން ވަރަށް ގިނަ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލްގައާއި، ކަމާއި ގުޅުންހުރި އިދާރާތަކުގައި އެދިފައި ވަނިކޮށެވެ.

ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 2019 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމްތިހާން ނުބޭއްވުމުގެ ސަބަބުން 283 ވަކީލުންނަށް ވަގުތީ ލައިސަންސެއް ދޫކޮށްފައި ވެއެވެ. އެ ވަކީލުންނާ އެކު އަލަށް ގާނޫނީ ދާއިރާ ކިޔަވައިގެން ދަސްވެނިވެފައިވާ ދަރިވަރުން ވެސް ބާ އިމްތިހާނު ހެދުމަށް ހަމަޖެހިފައިވެއެވެ.

ބާ އިމްތިހާނުގައި މައިގަނޑު ހަ ބައެއް އޮވެއެވެ. އެއީ ޓޯޓް ލޯ، ކްރިމިނަލް ޕްރޮސީޖާ، ކޮންސްޓިޓިއުޝަނަލް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.