މި ސަރުކާރުގެ ނޫ އިގުތިސާދު އޮތީ ނޫފައިގެންފައި ކަމަށާއި މަޝްރޫއެއް ފަށައިފިއްޔާ އެ އަރަނީ ފަރަށް ކަމަށް ކުރީގެ ރައީސް އަބްދު ﷲ ޔާމީން ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ހަވާލޭ ވަތަން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމިން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށާއި ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ވައްދާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް ވިޔަސް ދޫކޮށް ނުލެވޭނެ ސިނާއަތަކީ މަސްވެރިކަން ސިނާއަތު ކަމަށެވެ.

ހައްސަ ބާނާ މޫސުން އަންނައިރު ސަރުކާރުން އެ މަސް ގަންނަން ނުކުޅެދިފައި ވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ބައެއް ރަށް ރަށުން މަހަށް ފުރާ ދޯނިފަހަރުގެ އަދަދު ބޮޑުތަނުން ދަށްވެފައި ވާ ވާހަކަ ހިއްސާކުރައްވާ ނޫ އިގުތިސޯދު ނޫފައިގެންފައި އޮތް ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން އެފަދައިން ވިދާޅުވެފައި ވަނީ އިގުތިސާދީ ގޮތުން ގެންނާނެ ކަމަށް ވައުދުވެ މި ސަރުކާރުގެ މެނިފެސްޓޯއަށް ނޯ އިގުތިސޯދުގެ ނަން ދީފައިވާތީއެވެ.

ނޫ އިގުތިސޯދުގެ ދަށުން މި ސަރުކާރުން ވަނީ ގޭދޮށު މަސް ފެކްޓްރީތައް ގާއިމު ކުރުމަށް ވެސް ވައުދުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ފަށާ މަޝްރޫއުއެއް ވެއްޖެއްޔާ އަރަނީ ފަރަށް ކަމަށާއި ސަރުކާރުން ކުރާ ކަމަކީ އެ މަނިކުފާނުގެ ޒައާމަތުގައި ނިންމާފައި ހުރި މަޝްރޫޢުތަކުގެ ރިބަން ކަނޑާ، ހުރިހާ ކުދިން ނިކުމެ ޕާޓީކުރުން ކަމަށް ވިދާޅުވެފައެވެ.

ތިލަ މާލެ ބްރިޖް އަޅަން ޖަހާފައިވާ ޕްލެޓްފޯމު ފަރަށް އެރިތާ ތިން ދުވަސް ވެފައި ވާއިރު ރައީސް ޔާމީން އެެ އިޝާރާތް ކުރައްވަނީ އެ މަޝްރޫއުއަށް ކަމަށް ބެލެވެއެވެ.

ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްކުގެ ތެރޭގައި ގިރިތައް ހިމާޔަތް ކުރުން ހިމެނޭ ކަމަށާއި ދިވެހިންނަށް ދަތި ހާލަތު މެދުވެރިވީ ކިހިނެއްތޯ ވިސްނަންޖެހޭ ކަމަށާއި މިއީ ﷲ މިންވަރު ކުރެއްވި ގޮތޭ ބުނާނެ ޖާގައެއް ނެތް ކަމަށެވެ. ގިރި ތައް ހިމާޔަތް ކުރާ ވާހަކައިން ސަރުކާރަށް ޔާމީން ފާޑުވިދާޅުވީ ދާދިފަހުން ފެންމަތިވި، އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މައްސަލަތަކުގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައި ވާ އަލަމްގިރިއާ ގުޅުވައި އެ މައްސަލަތަކުގައި ހިމެނޭ ދިވެހިން (ހާއްސަކޮށް ސިޔާސީ މީހުން) ސަރުކާރުން ހިމާޔަތް ކުރާ ކަމުގެ ތުހުމަތު ކުރައްވައެވެ.