ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދޫކުރެއްވި ޗެކެއްގެ މައްސަލާގައި ކޮމާޝަލް ބޭންކް އޮފް މޮރިޝަސް އަށް 2.3 މިލިއަން ރުފިޔާ ދައްކަން އެ ބޭންކުން އެންގުމުން، އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިދިޔަ ހަފްތާ ތެރޭގައި ކަމަށް ވާއިރު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
މި މައްސަލައަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުالله ނަސީރު، އަލީ ޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާކުރުމަށް ހުށަހެޅި ޗެކެއް ޑިޕޮސިޓްކުރިކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާ ޗެކެއް ނަސީރަށް އަލީ ޒާހިރު ދެއްވުމާ ގުޅިގެން އެ ޗެކުގައި ބުނާ އަދަދަށް ފައިސާ އެކައުންޓުގައި ނެތީސް ފައިސާ ދޫކުރުމާ ގުޅޭ މައްސަލައެކެވެ.
އެ މައްސަލަ ޖޫން 18، 2018 ވަނަ ދުވަހު 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މޮރިޝަސް ބޭންކުން ސިވިލް ކޯޓަށް ހުށައެޅިއެވެ. އެހެންނަމަވެސް އަލީ ޒާހިރު ވަނީ އެ ސިޓީ ބާތިލުކޮށްދިނުމަށް އެދި ކޯޓަށް ހުށައަޅާފައެވެ. އަދި އެ ސިޓީ ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމުމާ ގުޅިގެން އަލީ ޒާޙިރު ހައިކޯޓުގައި ކުރި އިސްތިއުނާފުގެ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގެ އެ ބެންޗުން ވަނީ އަލީ ޒާހިރުގެ އެކައުންޓުގައި އޭނާ ދޫކުރި މިންވަރަށް ފައިސާ ނެތީސް އެ ފައިސާ ދޫކުރުމަކީ ބޭންކަށް ލާޒިމު ކަމެއް ކަމުގައިނުވި ނަމަވެސް، އެއީ ބޭންކަށް މަނާ ކަމެއް ނޫން ކަމަށެވެ. އަދި މޮރިޝަސް ބޭންކުން 2.3 މިލިއަން ރުފިޔާ ދެއްކުމަށް އަލީ ޒާހިރަށް އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.