ރައްޔިތުން އެދޭ ގޮތް އެނގޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން އެދޭ ރަނގަޅު ގޮތް އިނގޭނީ ހަމަ ރައްޔިތުންނަށް ކަމަށާއި އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މިފަދަ ވޯޓެއް ނެގުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށް ވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އެކަމާ ގިނަ ބަޔަކު އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަދާލާތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.