ރާއްޖޭގެ ފޮރިން ސާވިސްއަށް ހިނގާ ހަރަދު މާބޮޑު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބައެއް ގައުމުތަކަށް ސަފީރުން އައްޔަން ކުރުމާ ބެހޭ ގޮތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝިޔާމް ވިދާޅުވީ ސިވިލް ސާވިސްއަށް ކުރާ ވަރަށް ވުރެ ބޮޑު ހޭދައެއް ފޮރިން ސާވިސް އަށް ހިނގާ ކަން މިހާރު އެނގޭ ކަމަށާއި ފޮރިން ސާވިސްގެ އޮޑިޓެއް ހަދަން ގޮވާލައްވާ ކަމަށެވެ.
ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާތަކުގެ މެމްބަރުންނަށް ވީތީ ބައެއް މީހުންނަށް ފޮރިން ސާވިސްގެ ވަޒީފާތައް ދީފައިވާ ކަމަށް ޝިޔާމް ތުހުމަތުކުރައްވައެވެ.
ފޮރިން ސާވިސްއަށް ކުރާ ހަރަދު ދިފާއުކުރައްވައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މިއަދު ވާހަކަދައްކަވާފައިވާއިރު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވަނީ އިދިކޮޅު ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ފޮރިން ސާވިސްއަށް ކުރާ ހޭދައާ އަޅާ ބަލާއިރު ދައުލަތަށް ލިބޭ އެއްޗަކާއި ވާ ފައިދާތައް އޮޅޭ ގޮތަށް ކަމަށެވެ.