ތިލަމާލެ ބްރިޖް ޕްލެޓްފޯމު ވިލިމާލޭ ފަރަށް އުރި ލިބުނު ގެއްލުން ބަލާ ޖޫރިމަނާކުރާނެ ކަަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ޕްރޮޖެކްޓް ލަސްވެގެންދާނެތޯ އާއި ފަރަށް އެރުމުގެ ސަބަބުން ކިހާ ވަރެއްގެ ގެއްލުމެއް ލިބުނުތޯ ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ. އަދި ބްރިޖުގެ މަސައްކަތަށް މިހާރު ކިހާ ފައިސާއެއް ހަރަދުކުރެވިއްޖެތޯ ވެސް ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ޕްލެޓްފޯމްގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުން ވަޒަންކުރެވޭނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެސެސްމެންޓް ނިމުމުން ކަމަށެވެ.

އަސްލަމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބިފައިވާނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި އެކަމާ ގުޅިގެން ހިޔާލު ތަފާތުވި ނަމަވެސް އެއީ ބްރިޖުގެ މަސައްކަތް ލަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އެ ޕްރޮސެސް ކުރިއަށްދިޔަ ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ބްރިޖުގެ މަސައްކަތަށް ލަސްވާންޖެހޭ ސަބަބެއް ނޫން އެއީ. ޑިސްޕިއުޓެއް އޮވެދާނެ ތިމާވެއްޓަށް ގެއްލުމެއް ވީކަމަށް ވަންޏާ ވީ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން، އަދި އެހިސާބަކަށް ނުދޭ،"
އަސްލަމް

މި މަހުގެ 16 ވަނަ ދުވަހު މި ހާދިސާ ހިނގަން މެދުމެރިވި ކަމަށް ބެލެވެނީ ފަރުމައްޗަށް ޕްލެޓްފޯމް އެރި ވަގުތު ރާޅު ޖެހުމުގެ ސަބަބުން އަރިއަޅާލައިގެންނެވެ. ޕްލެޓްފޯމް އަރިއަޅާލާފައި އޮތް އިރު ރާޅު ހުރިކަން ފޮޓޯތަކުން ފެނުމުގެ އިތުރުން، އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓި ވަނީ އަނިޔާވެފައެވެ. އަނިޔާވި 3 މީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.